ޕޭ ހާމަނައިޒޭޝަންގެ ދަށުން، މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ތިން މުހިންމު ކަމެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. އެއީ:
- 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުން.
- ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން.
- ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުން.
ރައީސް ވިދާޅުވީ، މި ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މި ތިން ކަންތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނޭ އެންމެހާ ފަރާތްތަކާއި، ޖުމްލަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މި ބަދަލު މިއަދުން ފެށިގެން ތަންފީޒުވާނެއެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 500 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މާލީ ވުޒާރާއިން މިއަދު ވަނީ ސިވިލް ސާވިސް އަދި ސަރުކާރު މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ ގޮތުގެ ތަފްސީލު އާއްމުކޮށްފައެވެ. މުސާރަ ބަދަލު އަންނަ އަށް ދާއިރާއެއްގެ ތަފްސީލު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެއީ:
- ބިޒްނަސް އެޑްމިނިސްޓްރޭޓިވް ސާވިސް
- އެޑިއުކޭޝަނަލް ސާވިސް
- ހެލްތް ސާވިސް
- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސާވިސް
- ލީގަލް، ކަލްޗަރަލް އެންޑް ސޯޝަލް ސާވިސް
- ޕްރޮޓެކްޓިވް ސާވިސް
- ސައިންސް އެންޑް ބިލްޑް އެންވިރޮމެންޓް ސާވިސް
- ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް
މާލީ ވުޒާރާގެ ދަށުން ހިންގާ ޕޭ ކޮމިޝަނުން ބުނެފައިވަނީ، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މައިގަނޑު އަސާސަކީ ފަންނުތައް ވަކިކޮށް އެފަންނަކަށް އެކަށޭނަ އުޖޫރައެއް ކަނޑައެޅުން ކަމަށާއި، ދައުލަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ އަދާކުރާ ވަޒީފާއަކުން ލިބޭ އުޖޫރައަކީ އެ ވަޒީފާއަކާ އެކަށޭނެ މުސާރައަކަށް ހެދުން ކަމަށެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށްވެސް ޕޭ ކޮމިޝަނުން ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން ފަންނުވެރި ދާއިމީ މުވައްޒަފުން ސިވިލް ސާވިސްގައި އިތުރުކުރުމާއި، އެ ފަންނަކަށް އެކަށޭނަ މުސާރައާއި އަނާޔަތްތައް ހަމަޖެއްސުން ހިމެނެއެވެ.

