ސަރުކާރުން ޢިއުލާންކުރައްވާފައިވާ 3 ކަމެއް މިއަދު ތަންފީޒުކުރަން ފެށިގެންދާއިރު، މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ފައިދާވާނެ 3 ނިންމެވުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ނިންމެވުންތަކަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ފައިދާ ވާނެ ކަންކަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އެކްސްޕޯސްޓެއްގައެވެ. ރައްޔިތުންނާ ގުޅުންހުރި މުހިއްމު ކަންކަން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިއްމު ސިޔާސަތެކެވެ. މިގޮތުން މިފަދަ މުހިއްމު 3 ކަމެއްގައި މިއަދުން ފެށިގެން ޢަމަލީގޮތުން ތަންފީޒީ މަރުޙަލާ މިހާރުވަނީ ފެށިފައެވެ.
މިއަދު ތަންފީޒުކުރަން ފެށި އެއްކަމަކީ ދުންފަތުގެ ޖެނެރޭޝަނަލް ބޭން (Generational Ban) އެވެ. ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން މިއަދުން ފެށިގެން ފަށާނެ ކަމަށެވެ. މިއާއެކު 2007ގައި އުފަންވި އަދި އޭގެފަހުން އުފަންވާ ދިވެހީން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި، ގެންގުޅުމާއި އަދި ވިއްކުމުގެ އެއްވެސް ޢަމަލެއް ހިންގުމަކީ ޤާނޫނީ ކުށެކެވެ. އަދި އެފަދަ ޢަމަލެއް ކުރާނަމަ އެކަމުގައި އަދަބު ދެވޭނެއެވެ.
މިއަދު ތަންފީޒުކުރަން ފަށާ އަނެއް މުހިއްމު ނިންމެވުމަކީ، މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން، ކަށި މިޔަރު ބޭނުން ހުއްދަ ކުރެއްވުމެވެ. ރާއްޖޭގައި މީގެކުރިން ކުރަމުން ދިޔަ 3 ބާވަތެއްގެ މިޔަރުގެ މަސްވެރިކަން ސަރުކާރުން ހުއްޓުވާފައިވީ ނަމަވެސް، ތިމާވެއްޓާ ބެހޭ ވުޒާރާއާއި މަސްވެރިކަމާއި ބެހޭ ވުޒާރާއާ މަޝްވަރާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަލުން ކަށި މިޔަރުގެ މަސްވެރިކަން މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ކުރުމުގެ ހުއްދަ ދެއްވާފައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
މިއަދު ތަންފީޒުކުރަން ފެށި ތިންވަނަ ކަމަކީ، ދައުލަތުގެ އިދާރާތަކުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން 3 ދާއިރާއެއްގެ މުސާރަ ބޮޑުކުރުމަށް ރައީސް ނިންމެވި ނިންމެވުމެވެ. އެގޮތުން ޖުޑިޝަރީއާއި، ކައުންސިލްތަކިގެ މުވައްޒަފުން ހިމެނޭހެން ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާއިރު، މިފަރާތްތަކަށް މިމަހުގެ މުސާރަ ލިބިގެންދާނީ އައު ޕޭ ފްރޭމްވޯކްގެ ދަށުންކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ ސަރުކާރުގެ މި ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވާ، އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ވިދާޅުވީ، "މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމެއް" ކަމަށާއި، ހުރިހާ ދިވެހީންނަށް މަރުޙަބާ ވިދާޅުވެފައެވެ. ސަރުކާރުން ނިންމެވި މިނިންމެވުންތަކަށް އެކި ފަރާތްތަކުން ދަނީ ތަރުޙީބުދީ، މިއީ ޤައުމަށް ލިބިގެންދާ ކުރިއެރުންތަކެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.

