ސިއްހީގޮތުން ދުޅަހެޔޮ ޖީލެއް ލިބުމަކީ ގައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ، ތަރައްގީއަށް މަގުފަހިވާނެ ކަމެއް ކަމަށް އިގްތިސާދީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އެޅި އެންމެ ވަރުގަދަ ފިޔަވަޅު ކަމުގައިވާ “ޖެނެރޭޝަން ބޭން” ތަންފީޒު ކުރަން ފެށުމާ ގުޅިގެންނެވެ.
ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ މި ތާރީހީ އަދި ހިއްވަރުގަދަ ނިންމެވުމަށް ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށެވެ. އަދި ގައުމަކަށް ސިއްހީ ގޮތުން ދުޅަހެޔޮ ޖީލެއް ލިބިފައިވުމަކީ އެ ގައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ، ތަރައްގީގެ ގޮތުން ކުރިއަރާދިއުމަށް ލިބިގެންދާ ފަހި ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، “ރައްޔިތުން އިންތިހާބުކުރާ ވެރީންނަކީ ދުރައްވިސްނާ، އާންމު މަންފާ އިސްކޮށް، ގައުމީ މަސްލަހަތު ކުރިއަށް ނެރޭ ބަޔަކަށް ވާންވާނެ. އިޖުތިމާއީ އެފަދަ އެތައްކަމަކަށް އިސްލާހީ ފިޔަވަޅު އަޅުއްވަމުން ގައުމު ބިނާކުރުމަށް ރައީސް މުއިއްޒު ކުރައްވާ ގައުމީ މަސައްކަތްޕުޅުގައި ކާމިޔާބު މިންވަރުކުރައްވާށި.”
މި “ޖެނެރޭޝަން ބޭން” ގާނޫނަކީ 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް މަޖިލީހަށް ހުށަހަޅައި، މި އަހަރުގެ މެއި މަހުގެ 13 ގައި ފާސްކުރި ބިލެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލް މިދިޔަ މެއި މަހުގެ 21 ގައި ތަސްދީގު ކުރެއްވުމާއެކު، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެކެވެ.
މި ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް ލިބިފައިވާ ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނުގައެވެ. އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ. މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާއިރު، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބޭނުންކުރުން ވެސް ވަނީ މަނާކުރެވިފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދިގު މުއްދަތުގައި ގައުމުގެ ސިއްހީ ހާލަތު ރަނގަޅުވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

