ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރަން ފެށި “ޖެނެރޭޝަން ބޭން” ފަދަ މުހިންމު ނިންމުންތައް ނިންމިދާނެކަން ސާބިތުކޮށްދެވޭނީ ހަމައެކަނި މައިބަދަ ވަރުގަދަ ވެރިންނަށް ކަމަށް، މަސައްކަވެރިކަމާއި ކަނޑުތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން އެޅި އެންމެ ވަރުގަދަ ފިޔަވަޅު ކަމަށް ބެލެވޭ މި ބިލް ތަންފީޒުކުރަން ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ގައުމެއްގެ ހަޔާތުގައި މިފަދަ ކަންކަން ކުރެވެނީ ނިކަން މައިބަދަ ވަރުގަދަ ވެރިންނަށް ކަމަށެވެ. މިއީ ވޭތުވެދިޔަ ސަރުކާރުތަކަށް އުނދަގޫވި ނަމަވެސް ގައުމެއްގެ މުސްތަގުބަލަށް ވެރިއަކަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް އިޝާރާތްކުރެއްވީ މިފަދަ ނިންމުންތައް ނިންމުމުގައި ކުރިމަތިވާ ނުފޫޒުތަކަށެވެ.
“މިފަދަކަންކަން ކުރައްވަން އުޅުއްވާއިރު ހީނުކުރާޒާތުގެ ފިއްތުންތަކާ އެކިކަހަލަ ނުފޫޒު ފޯރުވަން މަސައްކަތްކުރާ ފަރާތްތައް އަބަދުވެސް ތިބޭނެ. ރަނގަޅު ނިންމެވުންތައް ނިންމެވުމުގައި ގިނަވެެރިން ފެއިލްވަނީ މިފަދަ އެކިކަހަލަ ނުފޫޒުގައި ޖެހި ދީއްލާލެވިގެން.” ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކިތައްމެ އުނދަގޫ ނިންމެވުމެއް ނިންމަވާ ތަންފީޒު ކުރައްވާނެ ވެރިއެއްކަން މިއަދު އަނެއްކާވެސް ސާބިތުކޮށްދެއްވާފައި ކަމަށެވެ. މި ފިޔަވަޅަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން އެޅި އެންމެ ވަރުގަދަ ފިޔަވަޅު ކަމުގައި ބެލެވެއެވެ.
“ޖެނެރޭޝަން ބޭން” އަކީ 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް މަޖިލީހުން މި އަހަރުގެ މެއި މަހުގެ 13 ގައި ފާސްކުރި ބިލެކެވެ. ރައީސް މުއިއްޒު މި ބިލް ތަސްދީގު ކުރެއްވީ މެއި 21 ގައެވެ. މި ގާނޫނުގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އެންމެންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެކެވެ.
މީގެ އިތުރުން، މި ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް އޮތް ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނުގައެވެ. އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާއިރު، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ.

