ރާއްޖޭގައި “ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ” ތަންފީޒުކުރަން ފަށާފައިވާއިރު، މި ނިންމެވުމަކީ ސަރުކާރުގެ ވަރަށް ހިތްވަރުގަދަ ނިންމުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއީ މުޖުތަމަޢުގައި އޮތް ނުރަނގަޅު އާދައަކުން ޖީލެއް ސަލާމަތްކުރުމުގެ ވަރަށް މުހިންމު ފެށުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިއަދުން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅަށް މި ޤާނޫނީ ބަދަލު ވަނީ ތަންފީޒުކުރަން ފަށާފައެވެ. މި ނިންމުމުގެ ދަށުން، 2007 ވަނަ އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކޮންމެ ފަރުދަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާނެއެވެ. މިއީ ދުންފަތުގެ އިސްތިޢުމާލުކުރާ އާ ޖީލެއް އުފެދުން ހުއްޓުވުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ މި ނިންމެވުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ނިންމެވި ވަރަށް ތާރީޚީ ނިންމެވުމެއްކަމަށެވެ. ސިއްޙީ ދުޅަހެޔޮކަމަށް ވަކާލާތުކުރާ މީހެއްގެ ޙައިސިއްޔަތުން އެކަމަނާ ވަނީ މި ނިންމެވުމަށް މަރުޙަބާ ދަންނަވާފައެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ، މިއީ ބޮޑެތި ބަލިތަކުން ހުށައެޅުމުގެ ހިރާސްތައް ކުޑަކޮށް، ސިއްޙަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ވަރަށް މުހިންމު ފެށުމެއްކަމަށެވެ. “މިއީ ވަރަށް ވަރުގަދަ ނިންމެވުމެއްކަމަށާއި ދިރާސާތަކާއި ތަފާސްހިސާބުތަކުގެ އަލީގައި މިކަން ކުރެވިގެންދިއުމަކީ، މީގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެންދާނެކަމެއް،” ސާޖިދާ ވިދާޅުވިއެވެ. އެކަމަނާ ފާހަގަކުރެއްވީ މިއީ މުޅި ރާއްޖެވެސް އެކަމަށް ފަޚުރުވެރިވާފަ ދުވަހެއްކަމަށެވެ.

