ދުންފަތުގެ އިސްތިއުމާލުކުރުމުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާ “ޖެނެރޭޝަނަލް ބޭން” (Generational Ban) އާ ގުޅުވައިގެން ކުރިއަށްގެންދާ “ނޭޝަން ޓޯޗް ރަން” (Nation Torch Run) ގައި މިހާތަނަށް 7،500 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ. މިއީ 24 ގަޑިއިރަށް ކުރިއަށްގެންދާ ދުވުމެކެވެ. މި ހަރަކާތް ފެށީ އިއްޔެ ހަވީރު އެކުވެނި ޓްރެކްގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ. މި ދުވުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.
ކުޅިވަރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދުވުން މިހާރުވެސް ކުރިއަށް ގެންދާ ކަމަށާއި، މިހާތަނަށް 18 ގަޑިިއިރު ވެފައިވާއިރު، ޖުމްލަ 7،547 މީހަކު މި ދުވުމުގައި ބައިވެރިވެފައިވާ ކަމަށެވެ. މި ހަރަކާތް ކުރިއަށްގެންދަނީ “ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި” މި ޝިއާރުގެ ދަށުންނެވެ. މި ދުވުމުގައި ސަރުކާރުގެ މުވައްސަސާތަކާއި، ކުންފުނިތަކާއި، އަމިއްލަ ޖަމްއިއްޔާތަކާއި، ހޮސްޕިޓަލުތަކުންވެސް ދަނީ ބައިވެރިވަމުންނެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް މި ހަރަކާތް ދަނީ ކުރިއަށެވެ.
މި ހަރަކާތް ކުރިއަށް ގެންދާއިރު، ބައިވެރިންނަށް ހިދުމަތް ދިނުމުގެ ގޮތުން މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، އެޑޮވޮކޭ ކްލިނިކް، އަދި ލައިވް މިއުޒިކާއި، ފޮޓޯބޫތްވެސް ބަހައްޓާފައި ވެއެވެ. މި ދުވުމުގެ މައިގަނޑު މަގްސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް މަޖިލީހުން ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ބިލަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި ބިލަކީ 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް މަޖިލީހުން މި އަހަރުގެ މެއި މަހުގެ 13 ގައި ފާސްކުރި ބިލެކެވެ. ރައީސް މުއިއްޒު މި ބިލް މެއި މަހުގެ 21 ގައި ތަސްދީގުކުރެއްވުމާއެކު އެ އުމުރުފުރާގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމަކަށް ވެގެންދިޔައެވެ.
ބިލު ތަންފީޒުކުރުމަށް ދިން ހަ މަހުގެ މުއްދަތު މިއަދަށް ހަމަވާނެއެވެ. މި ބިލުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް އޮތް ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނުގައެވެ. އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން މަނާކޮށް، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ. ބިލާ ހިލާފުވާ ފަރާތްތައް 1000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

