ގއ. ނިލަންދޫ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވަމުންދާ "ރައިވެރިއްޔާ ވޮލީ މުބާރާތް" މިވަނީ ރަށުގެ ޒުވާނުންނާއި ރައްޔިތުންގެ މެދުގައި ކުޅިވަރަށް އޮތް ޝައުޤުވެރިކަން އާލާކޮށް، އެކުވެރިކަމުގެ ރޫޙު އާލާކޮށްފައެވެ.
ތާރީޚީ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ނިލަންދޫގައި މިފަދަ ކުޅިވަރު މުބާރާތެއް ބޭއްވުމަކީ، ޒުވާނުންނަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މިމުބާރާތް ވެފައިމިވަނީ މޮޅު ވޮލީ ކުޅުންތެރިންގެ ހުނަރު ދައްކުވައިދޭ ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ.
މި މުބާރާތަކީ ގއ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ފެށިފައިވާ މުބާރާތެކެވެ. 2022 ވަނަ އަހަރު ފެށުނު މި މުބާރާތް، ކޮންމެ އަހަރަކުވެސް ބޮޑުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. 2022 ވަނަ އަހަރު ޖުމްލަ 11 ޓީމު (7 ފިރިހެން، 4 އަންހެން) ބައިވެރިވި އިރު، 2023 ވަނަ އަހަރު ވަނީ 13 ޓީމު (7 ފިރިހެން، 6 އަންހެން) ބައިވެރިވެފައެވެ.
އަދި މިހާތަނަށް އެންމެ ގިނަ ޓީމު ބައިވެރިވި އަހަރު ކަމަށްވާ 2024 ވަނަ އަހަރު ޖުމްލަ 15 ޓީމު (8 ފިރިހެން، 7 އަންހެން) ބައިވެރިވެފައިވެއެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 11 ޓީމު ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 6 ފިރިހެން ޓީމާއި 5 އަންހެން ޓީމެވެ.
މުބާރާތުގެ ތާރީޚަށް ބަލާއިރު، އަންހެން ޑިވިޝަންގައި ގެމަނަފުށީ ވޮލީ ކްލަބް އަކީ ވަރަށް ވަރުގަދަ ޓީމެއްކަން ފާހަގަކުރެވެއެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދުމަށްފަހު، 2023 ވަނަ އަހަރު ރަނަރަޕްކަން ހޯދައި، އަލުން 2024 ވަނަ އަހަރުގެ ޗެމްޕިއަންކަން އެ ޓީމުން ވަނީ ހޯދާފައެވެ.
2023 ވަނަ އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކަނޑުހުޅުދޫ އަންހެން ވޮލީ ޓީމެވެ. ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން 2022 ވަނަ އަހަރު ބޮން ބޮން ސްޕޯޓްސް ހޯދިއިރު، 2024 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓޮޕް ބްރަދަރސް އެވެ.
ނިލަންދޫ ކައުންސިލްގެ އިދާރާއިން މިފަދަ ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ރަށުގެ ޒުވާނުންނަށް ހެޔޮ ބަދަލުތަކެއް ގެނެސް، މުޖުތަމަޢު ބިނާކުރުމަށް އެހީތެރިވުމެވެ.
މުބާރާތް ބަލަން އަންނަ ރައްޔިތުންނާއި ޒުވާނުންގެ ފަރާތުން ލިބޭ ބޮޑު ތަރުހީބަކީ، ކައުންސިލްގެ މި މަސައްކަތަށް ލިބޭ ހިތްވަރެކެވެ. މި މުބާރާތަކީ އަތޮޅުގެ ވޮލީ ކުޅުންތެރިންނަށް ފުރުސަތުތަކެއް ހޯދައިދީ، ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުމަށް މަގުފަހިކޮށްދޭ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.
މިފަދަ މުބާރާތްތަކުގެ ސަބަބުން ކުޅިވަރުގެ ރޫޙު އިތުރަށް އާލާވެ، އަތޮޅުގެ ވޮލީ ކުޅުންތެރިންގެ ހުނަރުތައް އިތުރަށް ފެނިގެންދާނެއެވެ. މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމުތަކަށާއި އޮފިޝަލުންނަށް ކާމިޔާބީއަށް އެދެމެވެ.

