މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ލ. އަތޮޅު ދަނބިދުއާއި ގަމުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ހިންގި ދެ ވަކި އޮޕަރޭޝަނެއްގައެވެ. މި މައްސަލާގައި ހައްޔަރުކުރި މީހުންނަކީ ލ. ގަން، ހުދުފުސް އުމުރުން 60 އަހަރުގެ ޔޫސުފް ނަސީމާއި، ލ. މުންޑޫ، ހީނާވިލާ 55 އަހަރުގެ އަޙުމަދު ޝަފީޤެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޔޫސުފް ނަސީމް ހައްޔަރުކޮށްފައިވަނީ ގަން ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރުކަމަށެވެ. އެގޮތުން، ގެއިން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 5.39 ގުރާމު ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ޔޫސުފް ނަސީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަޙުމަދު ޝަފީޤް ހައްޔަރުކޮށްފައިވަނީ ދަނބިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ވަކި އޮޕަރޭޝަނެއްގައެވެ. ފުލުހުން ވިދާޅުވީ، ދަނބިދޫ ބަނދަރު މަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ. އެތަކެތީގެ ވަގުތީ ބަރުދަނަކީ 46.32 ގުރާމެވެ.
އަޙުމަދު ޝަފީޤްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

