ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނިލަންދޫ ކައުންސިލް ރާވެރިޔާ ވޮލީ މުބާރާތުގެ ފުރަތަމަ މެޗުގައި ބޮންބޮން ލެޖެންޑްސް އަދި ގެމަނަފުށީ ވޮލީބޯލް ކުލަބު މިރޭ ވާދަކުރާނެއެވެ.
މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. މިރޭގެ މެޗުގައި މިވަގުތު ރާއްޖޭގެ ގައުމީ ވޮލީޓީމްގެ މުހިންމު ކުޅުންތެރިންގެ ކުޅުންފެނިގެން ދާނެއެވެ.
އެގޮތުން ގެމަނަފުށީ ވޮލީޓީމަށް އަލީ ހުޒާމް ( ހުޒަންޓޭ ) ކުޅޭއިރު ބޮންބޮން ލެޖެންޑަށް ޝާމިލް އާދަމް ކުޅޭނެއެވެ. މި ދެ ކުޅުންތެރިންނަކީވެސް ރާއްޖޭގެ ގައުމީޓީމްގެ މުހިންމު 2 ކުޅުންތެރިންނެވެ. އަދި ޝާމިލް އަކީ ޕޮލިސް ޓީމްގެ ކުޅުންތެރިއެކެވެ.
ރާވެރިޔާ ވޮލީ މުބާރާތުގެ ގަވާއިދުގައި ކޮންމެ ޓީމަކަށްވެސް ރަށުންބޭރު އެއްކުޅުންތެރިޔަކަށް ފުތިސަތު ދީފައިވާއިރު ގައުމީ ޓީމްގެ ކުޅުންތެރިންނަށްވެސް ވަނީ ފުރިސަތު ދީފައެވެ.
މުބާރާތުގެ ފިރިހެން 6 ޓީމް ބަހާލައިފައިވަނީ 2 ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮންބޮން ސްޕޯޓްސް ކްލަބް ލެޖެންޑްސް، އަދި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް އެވެ.
ގްރޫޕް ބީގައި ހިމެނެނީ ބޮންބޮން ސްޕޯޓްސް ކުލަބު، މަރަޓާ ވޮލީބޯލް ޓީމް، އަދި ދަ ރެޒިޑެންސް މޯލްޑިވްސްއެވެ.
މި މުބާރާތުގައި އަންހެން ޑީވިޝަންގެ 4 ޓީމް ބައިވެރިވެފައި ވުމާއިއެކު މި ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންމެ ފަހުގެ ގެމަނަފުށި ވޮލީބޯލް ކުލަބު، ގއ މާމެންދޫ ވުމެންސް ޓީމް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، އަދި ބޮންބޮން ސްޕޯޓްސް ކުލަބެވެ.
އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މާމެންދޫ ވޮލީ ޓީމް އަދި ވިލިނގިލީ ޔުނައިޓެޑް ކުލަބެވެ. މި މެޗް އޮންނާނީ 2 ނޮވެމްބަރ 2025 ގެ ހަވީރު 16:00 ގައެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ހުޒާމް، ޝާމިލް، ނިމާލް ( ބުޅިކޭ ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ. އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ކެޕްޓަން މާޖިދާ، މާޔާ، ހައްވަ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

