މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ކަށި މިޔަރުގެ މަސްވެރިކަން ކުރެވޭނެ މުއްދަތު ކަނޑައަޅައި އިއުލާން ކޮށްފިއެވެ. ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ، ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. އެހެން ގޮތަކަށް ކަނޑައަޅައި އާންމު ކުރަންދެން، ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ މި މުއްދަތުގެ ތެރޭގައި އެކަންޏެވެ.
މި ނިންމުން ނިންމާފައިވަނީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ މިނިސްޓްރީން ކަނޑައަޅާ އިއުލާންކުރާ ގޮތެއްގެ މަތީން، މީލާދީ ކޮންމެ އަހަރަކު 7 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާއި، ބެހޭ ގަވާއިދު އިއްޔެ އާންމުކޮށްފައެވެ.
މި ގަވާއިދަކީ، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ރާއްޖޭގެ ޕްލޭން ތަންފީޒުކުރުމާއި، ކަށިމިޔަރުގެ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުމަށްޓަކައި މަސްވެރިކަމުގެ ގާނޫނުގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ އުސޫލެކެވެ.
އާ އުސޫލުގެ ދަށުން، ކަށިމިޔަރުގެ މަސްވެރިކަމުގައްޔާއި ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންވާނީ ވުޒާރާއިން ދޫކުރާ ލައިސަންސްއެއްގެ ދަށުންނެވެ. މީގެ ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް ހިމެނެއެވެ. ގަވާއިދުގައިވާ ގޮތުން، ލައިސަންސްގެ މުއްދަތު ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ދެން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަޖައްސާފައިވެއެވެ.
އުސޫލުގައި ބުނެފައިވާ ގޮތުގައި، ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ގިނަވެގެން ޖުމްލަ ކަނޑައަޅާފައިވާ އުޅަނދު އަދަދަކަށެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަން ކުރާ އުޅަނދުތަކުގައި، އެ ވުޒާރާއިން ކަނޑައަޅާ މިންގަނޑަށް ފެތޭ ވެސަލް ލޮކޭޓިންގ ޑިވައިސް (ވީއެލްޑީ) އެއް ހަރުކޮށް، އެ ޑިވައިސް ބަލަހައްޓަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

