މޯލްޑިވްސް އިމިގްރޭޝަނަށް 70 އިމިގްރޭޝަން އޮފިސަރު ޓްރެއިނީސް ހޯދުމަށް ބޭއްވި ވޯކިން އިންޓަވިއުއަށް، ފުރަތަމަ ދެތިން ގަޑިއިރު ތެރޭގައި 500 އަށްވުރެ ގިނަ މީހުން ހާޒިރުވެ، ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި އިންޓަވިއު ކުރިއަށްދަނީ މިއަދު ހުޅުމާލޭ ސަލާހުއްދީން ސްކޫލްގައެވެ. އިމިގްރޭޝަނުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 70 އޮފިސަރު ޓްރެއިނީސް ނެގުމަށް ބޭއްވި މި އިންޓަވިއުއަށް އާދަޔާ ހިލާފު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
މިއީ އިމިގްރޭޝަނުން މިފަދަ ގޮތަކަށް ކުރިއަށްގެންދާ ދެވަނަ އިވެންޓެވެ. މީގެ ފަސް މަހެއްހާ ކުރިން ބޭއްވި ވޯކިން އިންޓަވިއުއަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެފަހަރު 900 އަށްވުރެ ގިނަ މީހުން އިންޓަވިއުއަށް ދިޔައިރު، ޝަރުތު ހަމަވީ 758 މީހުންނެވެ. އޭގެ ތެރެއިން 549 މީހުން އިމްތިހާނު ހެދިއެވެ. މިއަދުގެ އިންޓަވިއު މެންދުރުފަހު 16:30 އާއި ހަމައަށް ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަންގެ ވަޒީފާގައި މައިގަނޑު ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި:
- އެއާޕޯޓްގެ ބޯޑަރު ކޮންޓްރޯލްގެ މަސައްކަތްކުރުން
- ދިވެހި ރައްޠިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރުން
- ސީޕޯޓް ސެކްޝަންގެ މަސައްކަތްކުރުން އަދި ވިޒާ ސެކްޝަންގެ މަސައްކަތްކުރުން
- އޮފީހަށް ދިމާވާ ޚާއްސަ ހާލަތާއި ގުޅިގެން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން
މި މަގާމަށް ހޮވުމުގައި ބަލާނެ މުހިންމު ޝަރުތުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން ދެ ޑީ ފާސް ލިބިފައިވުމާއެކު، މަތީ ސާނަވީން ދިވެހި މާއްދާއިން ދަށް ވެގެން ސީ ފާސް ލިބިފައިވުން ނުވަތަ އެމްކިއުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން ހިމެނެއެވެ. އަދި އިއުލާން ކުރާ މުއްދަތު ކުރިން އުމުރުން 40 އަހަރު ފުރިފައިނުވާ މީހެއް ކަމުގައި ވާންޖެހެއެވެ.
އިމިގްރޭޝަނުން ވަނީ އިންޓަވިއުއަށް އަންނައިރު، ސިވިލް ސާވިސްގެ ވަޒީފާގެ ފޯމް ފުރިހަމަ ކޮށްފައިވުމާއި، ތައުލީމީ ސެޓްފިކެޓްތަކުގެ އޮރިޖިނަލް އަދި ކޮޕީ، ސީވީގެ ކޮޕީއެއް، އައިޑީކާޑުގެ ކޮފީ އަދި ތަޖުރިބާ ހުރިނަމަ އެކަމުގެ ލިޔުމުގެ ކޮޕީ ގެންދިއުމަށް އެދިފައެވެ.

