މުޅި ދުނިޔޭގައިވެސް ޞިއްޙަތަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ އެއް އަމަލަކީ ދުންފަތުގެ އިސްތިޢުމާލުކުރުމެވެ. ކަން މިހެން އޮތް އިރު، މިއަދު ތަންފީޒު ކުރަން ފެށި ގެނެރޭޝަން ބޭން އަކީ ރާއްޖޭގެ ކުޑަކުޑަ އާބާދީގައި ހެދިފޯދެމުން އަންނަ ޅަޒުވާން ޖީލު މިގައުމުގައިވެސް މޫލާފައިވާ އެއާދައިން ސަލާމަތް ކުރުމަށް އެޅި ވަރުގަދަ ފިޔަވަޅެއްކަން ޔަގީނެވެ. އެހެނީ ރާއްޖެއަކީވެސް ނިސްބަތުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނޭއްގާ އާދައިގެ ސަބަބުން ޞިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތިވެ، ސަރުކާރާއި ރައްޔިތުންނަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހެއެވެ. މި ނުރައްކަލުން ދިވެހި ޖީލު ސަލާމަތްކުރުމަށްޓަކައި، ރާއްޖެއިން ވަނީ ދުނިޔޭގެ ޞިއްޙަތު ރައްކާތެރިކުރުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފިޔަވަޅެއް އަޅާފައެވެ. އެއީ "ޖެނެރޭޝަން ބޭން" ނުވަތަ ޖީލުތަކަށް އަމާޒުކޮށް ދުންފަތުގެ އިސްތިޢުމާލު މަނާކުރުމުގެ ޤާނޫނެވެ. 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޤާނޫނަށް އަމަލުކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ މުސްތަޤުބަލު ބިނާކުރުމަށްޓަކައި އަޅާފައިވާ ވަރަށް މުހިންމު އަދި ހިތްވަރުގަދަ ފިޔަވަޅެކެވެ.
ޖެނެރޭޝަން ބޭންގެ މައިގަނޑު މަޤްޞަދު: މި ޤާނޫނުގެ އެންމެ މައިގަނޑު މަޤްޞަދަކީ، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޢާދަ އަލަށް ފެށޭނެ މަގު ބަންދުކުރުމެވެ. މިގޮތުން، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށްފަހު އުފަންވި އެއްވެސް ފަރާތަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި، ގަތުމާއި، އަދި ބޭނުންކުރުން ވަނީ މަނާކުރެވިފައެވެ. މިއީ، ކުރިއަށް އޮތް ޖީލުތައް ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުރައްކަލުން ދާއިމީ ގޮތެއްގައި ސަލާމަތްކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން، ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅުންހުރި ބަލިތަކުގެ ޗެއިން ނުވަތަ ސިލްސިލާ ކަނޑާލެވޭނެ ކަމަށް ޞިއްޙީ މާހިރުން ޤަބޫލުކުރައްވައެވެ.
ޞިއްޙީ އަދި އިޤްތިޞާދީ ފައިދާތައް: ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަކީ ދިވެހިރާއްޖޭގެ ޢާންމު ޞިއްޙަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ދުންފަތުގެ ސަބަބުން ޖެހޭ ނޮން-ކޮމިއުނިކަބަލް ބަލިތައް (އެން.ސީ.ޑީ) އަކީ ރާއްޖޭގައި މަރުވާ މީހުންނާއި، ދާއިމީ ބަލިމަޑުކަން ކުރިމަތިވާ މީހުންގެ މައިގަނޑު ސަބަބެވެ. މި ޤާނޫނުގެ ސަބަބުން، ދިގު މުއްދަތެއްގައި މިފަދަ ބަލިތައް މަދުވެ، ޞިއްޙީ ޚަރަދުތައް ބޮޑުތަނުން ކުޑަވާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. އޭގެ އިތުރުން، ޞިއްޙަތު ރަނގަޅު ޒުވާން ޖީލެއް އުފެދުމަކީ ޤައުމުގެ އުފެއްދުންތެރިކަން އިތުރުވެ، އިޤްތިޞާދީ ގޮތުން ކުރިއެރުން ލިބޭނެ ކަމެކެވެ. މިފަދަ ފިޔަވަޅުތަކުގެ ކުރީގެ ނަތީޖާއެއްގެ ގޮތުން، ވޭޕް މަނާކުރުމަށްފަހު ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު މަދުވެފައިވާކަން ފާހަގަކުރެވެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ބޮޑު ސްޓްރެޓެޖީ: ޖެނެރޭޝަން ބޭނަކީ ހަމައެކަނި އެއް ފިޔަވަޅެއް ނޫނެވެ. އެއީ ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖެއިން އަމަލުކުރަމުންދާ ފުޅާ އަދި ބައިތިއްބާލެވިފައިވާ ސްޓްރެޓެޖީގެ އެއް ބައެވެ. މި ސްޓްރެޓެޖީގެ ދަށުން އެޅިފައިވާ އެހެނިހެން މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި:
އީ-ސިގިރޭޓާއި ވޭޕިންގ މަނާކުރުން: 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އީ-ސިގިރޭޓާއި ވޭޕިންގ އުފެއްދުންތައް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން ވަނީ މަނާކުރެވިފައެވެ.
ޤާނޫނީ ޢުމުރު މަތިކުރުން: ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޤާނޫނީ ޢުމުރު 18 އަހަރުން 21 އަހަރަށް މަތިކުރެވިފައިވެއެވެ.
އިޢުލާނުކުރުން މަނާކުރުން: ދުންފަތުގެ އިޢުލާނުކުރުމާއި، ޕްރޮމޯޝަންތަކާއި، ސްޕޮންސަރޝިޕްގެ ހުރިހާ ބާވަތެއް ވަނީ މުޅިން މަނާކުރެވިފައެވެ.
ޓެކްސް ބޮޑުކުރުމާއި ފަރުވާ ދިނުން: ދުންފަތުގެ ބާވަތްތަކަށް ބޮޑެތި ޓެކްސްތައް ނެގުމުގެ ސަބަބުން އިސްތިޢުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ދޫކޮށްލުމަށް ސަރުކާރުން ފަންޑުކުރާ ފަރުވާގެ ޚިދުމަތްތައް ފުޅާކޮށްފައިވެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި އިޖުތިމާޢީ ބަދަލު: މި ޤާނޫނުތަކުގެ ސަބަބުން، ދުންފަތުގެ އިސްތިޢުމާލުނުކުރުމަކީ އިޖުތިމާޢީ މިންގަނޑު ނުވަތަ ނޯމް ކަމުގައި ހެދުމަށް މަގުފަހިކުރެއެވެ. ޔުނިސެފް އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވަނީ ރާއްޖޭގެ މި މަސައްކަތަށް ތަޢުރީފުކޮށްފައެވެ. އެމީހުން ފާހަގަކުރައްވާ ގޮތުގައި، ޞިއްޙަތު ރަނގަޅު ޒުވާނުންނަށް ކިޔެވުމާއި، ކުރިއެރުމާއި، އެމީހުންގެ ފުރިހަމަ ޤާބިލުކަން ހޯދުމަށް ފަސޭހަވެއެވެ. މީގެ ސަބަބުން ޤައުމަށް އިތުރު ފައިދާތަކެއް ލިބި، އިޤްތިޞާދީ ގޮތުން ހަރުދަނާ ޤައުމަކަށް ވެގެންދާނެއެވެ. ޢާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭންތަކާއި ޒުވާނުންނާ ގުޅިގެން ކުރެވޭ މަސައްކަތްތަކަކީ، މި ބަދަލުތައް މުޖުތަމަޢުގެ ތެރެއަށް ފައްތައި، ހެޔޮ ބަދަލުތައް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
ދިވެހިރާއްޖެއިން ތަންފީޒުކުރި ޖެނެރޭޝަން ބޭނަކީ، ޞިއްޙީ ސިޔާސަތުތަކުގައި ދުނިޔެއަށް ނަމޫނާ ދައްކުވައިދޭ ފިޔަވަޅެކެވެ. މިއީ ހަމައެކަނި ދުންފަތް މަނާކުރުމުގެ ޤާނޫނެއް ނޫނެވެ؛ އެއީ ކުރިއަށް އޮތް ޖީލުތަކުގެ ޞިއްޙަތާއި ހެޔޮވިސްނުމަށް ވެފައިވާ ވަޢުދެކެވެ. މި ފިޔަވަޅުގެ ސަބަބުން، ރާއްޖޭގެ މުސްތަޤުބަލު ބިނާވެގެންދާނީ ދުންފަތުގެ ނުރައްކަލުން އެއްކިބާވެފައިވާ، ހެޔޮ ޞިއްޙަތެއްގައިވާ ބަޔަކު ދިރިއުޅޭ މާހައުލެއްގައެވެ. މިފަދަ ހިތްވަރުގަދަ ފިޔަވަޅުތަކަކީ އެހެން ޤައުމުތަކަށް ވެސް ޢިބްރަތް ހޯދޭނެ، ޞިއްޙީ ގޮތުން އުޖާލާ މުސްތަޤުބަލަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ރާއްޖެފަދަ ކުޑަ ޤައުމަކުން ދުންފަތާ ދެކޮޅަށް "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ތަންފީޒުކުރަން ފެށުމަކީ ދުނިޔޭގެ ޤައުމުތަކުގެ ސަމާލުކަން ރާއްޖެއަށް ލިބިގެންދިޔަ ކަމެކެވެ. އަދި މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި، މިއީ ޤައުމުގެ ކުރިމަގު ބިނާކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި ދެކިގެން އެންމެން އެކުގައި މަސައްކަތްކުރުމަކީ އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުން މިކަމަށް ދެވޭނެ އެންމެ ފުރިހަމަ އެއްބާރުލުންކަން ޔަގީނެވެ. ހަމައެހެންމެ މިއީ ބަލިތަކުން ރައްކާތެރި ދުޅަހެޔޮ އަދި އަޙުލާގަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ނިންމުމެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި މިހިތްވަރުގަދަ ކެރޭ ނިންމެވުމަށްޓަކައި ރައީސުލްޖުްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ހަގީގަތުގައިވެސް ޝުކުރު ދަންނަވަމެވެ.
ދުންފަތުގެ ސަބަބުން އިޖްތިމާޢީ އަދި އިޤްތިޞާދީ ގެއްލުންތައް ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ. 2012 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި ރާއްޖޭގައި 130،000 އަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިޢުމާލުކުރެއެވެ. އަދި މިދިޔަ އަހަރު އެޗްޕީއޭއިން އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، ސީދާ ދުންފަތާ ގުޅުންހުރި ބަލިތަކުގައި 150 މީހުން މަރުވެފައިވެއެވެ. މާލީ ގޮތުން ބަލާއިރު، އަހަރަކު އެވްރެޖްކޮށް 1.8 ބިލިޔަން ރުފިޔާ ދުންފަތާ ގުޅުންހުރި މުޢާމަލާތްތަކުގައި ހޭދަވާކަން ހާމަވެއެވެ. އެހެންކަމުން ސަރުކާރުގެ މި ނިންމުމަކީ ހުރިހާ ގޮތަކުންވެސް ޤައުމަށް ފައިދާވާނެ ނިންމުމެއްކަމަށެވެ.


