ސްމާޓް ހޯނޑެއްދޫ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ތަޖުރިބާ ހޯދުމަށް، ހޯނޑެއްދޫ ކައުންސިލްގެ ވަފުދެއް އިންޑިއާގައި ކުރިއަށްދާ ސްމާޓް ސިޓީ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުރައިފިއެވެ.
މި ދަތުރުގެ މަޤްސަދަކީ "ސްމާޓް ހޯނޑެއްދޫ" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ހަރަކާތްތަކުގެ ތެރެއިން ސްމާޓް ސިޓީއެއްގެ ތަޖުރިބާ ހޯދުމެވެ. މި ޕްރޮގްރާމަކީ އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯރ ގުޑް ގަވަނެންސް (އެން.ސީ.ސީ.ޖީ) އިން ނޮވެމްބަރ 3 އިން 14 އަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދެނީ އިންޑިއާ ސަރުކާރުންނެވެ.
މި ވަފުދުގައި ހޯނޑެއްދޫ ކައުންސިލްގެ 5 މެންބަރުންނާއި 5 އިދާރީ މުވައްޒިފުން ހިމެނޭހެން ޖުމްލަ 10 ބޭފުޅުން ބައިވެރިވެއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްގެ 20 ބޭފުޅުން ވެސް މި ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. އިންޑިއާގެ މަސޫރީގައި ހުންނަ އެން.ސީ.ސީ.ޖީ އިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން، ސްމާޓް ސިޓީތަކުގެ ތަޖުރިބާ އާއި އައު ޓެކްނޮލޮޖީތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ޢަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުން އިންޑިއާގެ މުހިންމު ސިޓީތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ވަފުދުން ދެހެރަދުންގެ ސްމާޓް ސިޓީ އާއި ޗާންދިގަރްގެ ސްމާޓް ސިޓީއަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ނިއުދެއްލީ މުނިސިޕަލް ކައުންސިލަކާއި ނިއުދެއްލީގައި ހުންނަ ވޯރލްޑް ޓްރޭޑް ޓަވަރަށް ވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގެ އިންތިޒާމް ހަމަޖެހުމުގެ ކުރިން، 14 ނޮވެމްބަރ 2024 ގައި ސްމާޓް ހޯނޑެއްދޫ ޕްރޮޖެކްޓާއި ގުޅޭގޮތުން ހޯނޑެއްދޫ ކައުންސިލުން އިންޑިއާ އެމްބަސީއާއެކު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި، މަޝްރޫޢުއަށް އިންޑިއަން އެމްބަސީ އިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި، ބޭނުންވާ ޢަމަލީ ތަޖުރިބާ އަދި ޓެކްނިކަލް އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކަށްފަހު، ސްމާޓް ހޯނޑެއްދޫ މަޝްރޫޢުގެ ފުރަތަމަ ފިޔަވެހީގެ ގޮތުގައި ސްމާޓް ސިޓީގެ ތަޖުރިބާ ހޯދުމުގެ މި ދަތުރު ހަމަޖައްސައިދިނުމަށް އިންޑިއާ އެމްބަސީން ވަނީ ނިންމާފައެވެ.
ސްމާޓް ހޯނޑެއްދޫ މަޝްރޫޢަކީ 10 އަހަރު ދުވަހަށް ޕްލޭންކޮށްގެން ކުރިއަށް ގެންދާ ޑިޖިޓަލައިޒޭޝަން މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، ކައުންސިލުން ދޭ ހުރިހާ ޚިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމާއި ޝަކުވާ ހުށަހެޅޭނެ "ވާރުގެ" ސާވިސް ޕޯޓަލް މިއަހަރުގެ ޑިސެމްބަރ މަހުގައި ލޯންޗުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ސްމާޓް ހޯނޑެއްދޫ މަޝްރޫޢުގެ ދަށުން ސްޓްރީޓް ލައިޓްތައް ސޯލާ ލައިޓަށް ބަދަލުކުރުމާއި ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމަށް މުހިންމު ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ބެހެއްޓުމަށް ވެސް ވަނީ ރާވާފައެވެ.

