ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްސަ ދުވުން “ނޭޝެނަލް ޓޯޗް ރަން”ގައި ޖުމްލަ 8959 މީހުން ބައިވެރިވެ ދުވެފައިވާ ކަމަށް އެ ހަރަކާތް އިންތިޒާމުކުރި ފަރާތްތަކުން ހާމަކޮށްފިއެވެ. މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތް ކުރިއަށްގެންދިޔައީ އިއްޔެ ހަވީރު 4:00 އިން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައަށް މާލޭ އެކުވެނި ޓްރެކުގައެވެ. “ނޭޝެނަލް ޓޯޗް ރަން” އަކީ މިއަދުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ “ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ” އާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ. މި ދުވުމުގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ޚާއްސަ ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި، ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ނިމުނުއިރު، 8959 ފަރާތަކުން ވަނީ ދުވުމުގައި ބައިވެރިވެފައެވެ.
ނެޝެނަލް ޓޯޗް ރަންއަކީ، ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ. މިފަދަ ހަރަކާތްތަކުގެ މަޤްޞަދަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އާންމުންގެ އެހީތެރިކަން ހޯދުމާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދިނުމެވެ.

