ސިނަމާލެ ބްރިޖު ހައިވޭގައި މިއަދު ހަވީރު އޯވަރޓޭކް ކުރަންއުޅުމުގެ ތެރޭގައި ދެ ކާރުޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، ސިނަމާލެ ބްރިޖް ހައިވޭއިން ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅީގައި ދެ ކާރުޖެހި އެކްސިޑެންޓްވި މައްސަލަ، މިއަދު ހަވީރު 04:00 އެހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ އެއް ކާރުން އަނެއް ކާރަށް އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ހާނިއްކައެއް ނުލިބުނު ނަމަވެސް، އެކްސިޑެންޓްގައި ބައިވެރިވި ދެ ކާރަށްވެސް ގެއްލުންތަކެއް ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

