ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ރާއްޖެއިން މިހާތަނަށް އެޅި އެންމެބޮޑު ފިޔަވަޅު ކަމުގައިވާ "ޖެނެރޭޝަނަލް ބޭން" (Generation Ban) އަށް މިއަދު އަމަލުކުރަން ފެށުމާއެކު، ދުނިޔޭގެ މީޑިއާގެ ސަމާލުކަން ރާއްޖެއަށް ހުއްޓިއްޖެއެވެ. މި ގާނޫނަކީ، ދުންފަތުގެ ބާވަތްތަކުން މިނިވަން ޖީލެއް އުފެއްދުމުގެ މަގްސަދުގައި، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ފިޔަވަޅެއް ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ގާނޫނުގެ ދަށުން ޖެނުއަރީ 1، 2007 ނުވަތަ އެއަށްފަހު އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ގަތުމާއި ބޭނުންކުރުމާއި އަދި އެފަދަ ތަކެތި އެފަރާތްތަކަށް ވިއްކުން ދާއިމީކޮށް މަނާ ވާނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މެއި މަހު ތަސްދީގުކުރެއްވި މި ގާނޫނަކީ، ރައްޔިތުންނަށް ދުޅަހެޔޮ މާހައުލެއް ބިނާކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ވަރަށް ރަނގަޅަށް ދައްކުވައިދޭ ކަމެއް ކަމަށް ޓީއާރުޓީ މީޑިއާ ފަދަ ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ދުނިޔޭގެ ފެންވަރުގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމަކީ ނިއުޒީލެންޑެވެ. ނަމަވެސް، ނިއުޒީލެންޑް ފަދަ ގައުމުތަކުން މިފަދަ ޖެނެރޭޝަނަލް ބޭންތައް ތަންފީޒުކުރުމަށް މަސައްކަތްކޮށްފައިވީ ނަމަވެސް، ފަހުން އެއަށް އަމަލުކުރުން ހުއްޓާލާފައިވެއެވެ. އިނގިރޭސި ވިލާތުގައި ވެސް މިފަދަ ގާނޫނެއް ފާސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން މިކަމަށް އަމަލުކުރަން ފެށުމަކީ ދުނިޔޭގެ ސިއްހަތުގެ ދާއިރާގައި ރާއްޖެއަށް ހާއްސަ މަގާމެއް ލިބިގެންދާނެ ކަމެއް ކަމަށް ބޭރުގެ މީޑިޔާތަކުން ބުނެއެވެ. ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ގައުމެއް ކަން ވެސް މި ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.
މި ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ ހަމައެކަނި ލައިސަންސް އޮތް ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނުގައެވެ. މީގެ އިތުރުން، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިންތައް މެދުވެރިކޮށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާ ވާނެއެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުން މަޗނާކޮށް، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ ސިއްހަތަށް ދިގު މުއްދަތުގެ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

