އެންމެ ތުއްތުއިރުން ފެށިގެންވެސް ބައެއް ކުދިންނަށް ކާންދިނުން އުނދަގޫވާއިރު އަނެއްބައި ކުދިން ބޮޑުވަމުން އަންނަ އިރު ކާންދިނުމަކީ ބެލެނިވެރިންނަށް އުނދަގޫވާ ކަމެކެވެ. އެހެންކަމުން، ގިނަ ބެލެނިވެރިން ވެސް ކާންދިނުން ފަސޭހަ ކުރުމަށްޓަކައި، ކުދިންނަށް ފޯނާއި ޓެބްލެޓް ދައްކައިގެން ކާންދޭން ފަށައެވެ. މިފަހަކަށް އައިސް މިމަންޒަރު ވަރަށް އާންމުކޮށް ފެންނަކަމީ ހިތާމަހުރި ކަމެކެވެ. ނަމަވެސް، ވަގުތީ ފަސޭހައަކަށްޓަކައި މިފަދަ އިލެކްޓްރޯނިކް ސާމާނު ބޭނުންކުރުމަކީ ކުދިންގެ ހެދިބޮޑުވުމަށް ހުރަސްއަޅާނެ ބޮޑު ގޯހެކެވެ. ކާންދޭ ވަގުތަކީ ކުއްޖާގެ ބަހުގެ ހުނަރު ރަނގަޅުކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ. މިފަދަ ވަގުތުތަކުގައި ސްކްރީންތަކަށް ދެވިހިފުމުގެ ބަދަލުގައި، އިހުޒަމާނުގައި މީހުން ކަންތައް ކުރި ގޮތަށް މިޒަމާނުގައިވެސް ހަމަ އެ އުކުޅު ބޭނުންކުރުން ފައިދާ ބޮޑުކަން ޔަގީނެވެ.
މީގެ ކުރިން ޓެބްލެޓާއި އައިޕެޑާއި ފޯނު ކުޑަކުދިން އަތަށް ދިނުން އާންމު ނުވީ އެޒަމާނުގައި އެފަދަ ތަކެތި ނުހުންނާތީ އޭ ބުނެ ނުނިންމާށެވެ. އެތަކެތި ވުޖޫދަށް އައި ފަހުންވެސް ކުޑަކުދިން އެފަދަ ތަކެއްޗާ ދުރުކޮށް ގެންގުޅޭ މީހުން މަދެއް ނޫނެވެ. ކާން ދިނުން ފަސޭހަ ކޮށްލުމަށް ނުވަތަ އަވަސް ކޮށްލުމަށް ދޭ އެ އިލެކްޓްރޯނިކް ސާމާނުގެ ސަބަބުން ލިބޭ ގެއްލުން މާ ބޮޑުވެދާނެއެވެ.
ކާންދޭ ވަގުތު މަޖާކޮށްލުމަށް
ކުއްޖާއަށް ކާންދޭ ވަގުތަކީ ހަމައެކަނި ކާނާ ހަށިގަނޑަށް ވައްދާ ވަގުތަކަށްވުމުގެ ބަދަލުގައި، އެއީ އާއިލާއާ ގުޅުން ބަދަހިކޮށް، ކުއްޖާއަށް އާ ކަންތައްތައް ދަސްކޮށްދޭ ފުރުސަތަކަށް ހަދަންވާނެއެވެ. ފޯނު ނުދީ ކާންދިނުމަށްޓަކައި ބެލެނިވެރިންނަށް ތަފާތު އުކުޅުތައް ބޭނުންކުރެވިދާނެއެވެ.
- އެކުގައި ކާން އާދަކުރުން: ކުއްޖާއާއެކު އެއް މޭޒެއްގައި އިށީނދެ ކެއުމަކީ އެންމެ މުހިންމު އެއްކަމެވެ. އެހެންކަމުން، ކުއްޖާ ބޮޑެތި މީހުންނަށް ތަބާވެ، ކެއުމުގެ މާހައުލު އިޖްތިމާޢީ އަދި ހިތްހަމަޖެހޭ މާހައުލަކަށް ބަދަލުވެގެންދެއެވެ.
- ވާހަކަދައްކާ ގުޅުން ބަދަހިކުރުން: ކާންދޭ ވަގުތަކީ ވާހަކަދެއްކުމަށް ބޭނުންކުރާ ވަގުތަކަށް ހަދާށެވެ. ދުވާލުގެ ހާލަތާއި، ކާނާގެ ކުލަތަކާއި، ނަންތަކާ ބެހޭގޮތުން ވާހަކަދައްކާލާށެވެ.
- ލަވަކިޔައި ނުވަތަ ވާހަކަ ކިޔައިދިނުން: ކުއްޖާގެ ސަމާލުކަން ދަމަހައްޓައި، ކެއުން މަޖާކުރުމަށްޓަކައި ވާހަކައެއް ކިޔައިދިނުން ނުވަތަ ލަވައެއް ކިޔައިދިނުން ރަނގަޅުވާނެއެވެ.
- "އެއާޕްލޭން" ގޭމް ކުޅުން: ކުދި ކުދިންނަށް ކާންދޭއިރު، ސަމުސަލަކީ "އެއާޕްލޭން" އެއްކަމަށް ހަދައި، އެއާޕްލޭން "ލޭންޑް" ކުރަނީ ކުއްޖާގެ އަނގައިގެ ތެރެއަށް ކަމަށް ހެދުމަކީ ކެއުން ހިތްގައިމު ކަމަކަށް ހެދުމަށް ބޭނުންކުރެވޭ އުކުޅެކެވެ.
- ކުޅޭ އެއްޗެއް ނުވަތަ ފޮތެއް ބޭނުންކުރުން: ކުއްޖާގެ ސަމާލުކަން ދަމަހައްޓަން ބޭނުންނަމަ، މޭޒުގެ ކައިރީގައި ޚާއްޞަ، ކުޑަ ކުޅޭ އެއްޗެއް ނުވަތަ ފޮތެއް ބެހެއްޓިދާނެއެވެ.
ދެމިހުންނަ އާދަތައް އަށަގެންނެވުން
ކުދިންނަށް ކާންދިނުމުގައި ފޯނާއި ޓެބްލެޓް ދުރުކޮށް، ހެޔޮ އާދަތައް އަށަގެންނެވުމަކީ ދިގު މުއްދަތަށް ފައިދާ ކުރާނެ ކަމެކެވެ. މިކަމަށްޓަކައި ތިރީގައިވާ ކަންތައްތައް ކުރެވިދާނެއެވެ.
- އެއް އާދައެއްގައި ދެމިހުރުން: ކެއުމާއި ނާސްތާގެ ވަގުތުތައް އެއްގޮތަކަށް ބެހެއްޓުމަކީ، ކާންޖެހޭ ވަގުތު ކުއްޖާއަށް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިއީ ސަމާލުކަން ބޭރުކުރާނެ އެއްޗެއްގެ ބޭނުން ކުޑަކުރާނެ ކަމެކެވެ.
- މާހައުލު ރީތިކުރުން: ކެއުމުގެ މާހައުލު ހިތްގައިމުކޮށް، މޭޒު ކުލަގަދަކޮށް، ކުއްޖާއަށް ހިތްގައިމުވާނެ ގޮތަކަށް ތައްޔާރުކުރާށެވެ.
- ސާބިތުކަމާއެކު މަސައްކަތްކުރުން: ސްކްރީންތަކުގެ ބޭނުން ކުޑަކުރުމަކީ ވަގުތު ނަގާނެ ކަމެކެވެ. ކުއްޖާ ނުރުހުން ފާޅުކުރި ނަމަވެސް، އާ އުޞޫލުތަކުގައި ސާބިތުކަމާއެކު ދެމިހުންނާށެވެ.
- އިލެކްޓްރޯނިކް ސާމާނު ތަޢާރަފް ނުކުރުން: ކުޑައިރުއްސުރެ ކާންދޭ ވަގުތުގައި ފޯނާއި ޓެބްލެޓް ދިނުމުން ދުރުހެލިވާށެވެ. އެހެނީ، އެއްފަހަރު އާދައެއްވެއްޖެނަމަ، އެ އާދަ ނައްތާލުން މާ އުނދަގޫވާނެއެވެ.
- ކުޅޭ ތަކެތީގެ ތެރޭގައި ހިފާ ގެންގުޅޭ ދިރިއުޅުމުގައި އޭގެ ބޭނުން ހިފޭފަދަ ތަކެތި ދެވިދާނެއެވެ، ތަށި، ސަމުސާ، އޫ، ޕްލާސްޓިކް ސެޓެއް މިފަދަ ގަޑިއެއްގައި ގެންގުޅެވިދާނެއެވެ، ނުވަތަ ކޮންމެވެސް ކަހަލަ ފޮތަކާއި ކުލަފަންސުރު ނުވަތަ ކުރެހުންތައް ހުރި ފޮތެއް ދެއްކިދާނެއެވެ. ޓީވީ އިންވެސް މައުުލޫމާތު އެނގޭފަދަ އުނގެނުމާ ގުޅުން ހުރި މަންޒަރުތައް ދެއްކުން އެންމެ ރަނގަޅެވެ. ފެންނަ މަންޒަރުތަކާ ގުޅޭގޮތުން ދަރިފުޅާ އެކު ވާހަކަދެއްކުމާއި، އުމުރާ ގުޅޭ އަދި ލަސްލަހުން މަންޒަރު ބަދަލުވާ ޕްރޮގްރާމްތައް ބެލުމަކީ ވާހަކަދެއްކުމުގެ ހުނަރު ރަނގަޅުކުރުމަށް އެހީވާނެ ކަމެކެވެ.
ކަމާބެހޭ ހާއްސަ އިލްމުހުރި ފަރާތްތަކުން ބުނާ ގޮތުގައި ހެދިބޮޑުވަމުން އަންނަ ތުއްތުކުއްޖާގެ ހަޔާތުގެ ފުރަތަމަ އަހަރުތަކަކީ ސިކުނޑީގެ ކުރިއެރުމަށް ވަރަށް މުހިންމު ދުވަސްތަކެކެވެ. އެހެންކަމުން، މުއާމަލާތްކުރުމުގެ ގާބިލްކަމާއި ބަހުގެ ކުރިއެރުމަށްޓަކައި، ކާންދޭ ވަގުތު ދަރިފުޅާއި ބެލެނިވެރިޔާ ވާހަކަދައްކައި، ރަނގަޅަށް ކުއްޖާ އުނގެނެން ތައްޔާރުވާފަދަ މާހައުލެއް ގާއިމުކޮށްދިނުން ކޮންމެހެން ބޭނުންތެރި އެވެ.ކާ ވަގުތު ކުއްޖާ ސްކްރީނަށް ގެއްލުވާލުމުގެ ބަދަލުގައި، ބެލެނިވެރިންނަށް ކުއްޖާއާ ކޮންމެވެސް ކަަހަލަ ޝައުގުވެރިވާކަހަލަ ސުވާލެއް ކުރެވިދާނެއެވެ.
ކާންދޭ ވަގުތަކީ ހަމައެކަނި ބަނޑުފުރާލުމުގެ ވަގުތަކަށްވުމުގެ ބަދަލުގައި، އެއީ ކުއްޖާގެ ނަފްސާނީ އަދި އިޖްތިމާޢީ ތަރައްޤީއަށް އެހީވެދޭ، އާއިލީ ގުޅުން ބަދަހިކުރާ ވަގުތަކަށް ހެދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވަގުތީ ގޮތުން ފަސޭހަ ކަމަކަށްޓަކައި އިލެކްޓްރޯނިކް ސާމާނުގެ ބޭނުން ކުރުމުގެ ބަދަލުގައި، ކެއުމުގެ ވަގުތުތައް މަޖާކޮށްލައި، ކުއްޖާއަށް އާ ކަންތައްތައް ދަސްކޮށްދިނުމަކީ ދިގު މުއްދަތުގައި މާ ބޮޑު ފައިދާއެއް ކުރާނެ ކަމެކެވެ.


