ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ޖުމްލަ 23 އައިސްޕްލާންޓަކުން މަސްވެރިންނަށް ޚިދުމަތް ފޯރުކޮށްދެމުންދާކަމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު ވިދާޅުވެއްޖެއެވެ. ފަރުހަތު މިހެން ވިދާޅުވީ ދ. އަތޮޅު މީދޫގައި މިފްކޯއިން އަލަށް ޤާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި އައިސްޕްލާންޓަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ. މިފްކޯގެ އަމާޒަކީ މަސްވެރިންނަށް ދޭންޖެހޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުންކަމަށް ސީއީއޯ ފަރުހަތު ޝަހީރު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ އައިސްޕްލާންޓުގެ ޚިދުމަތަކީ މަސްވެރިންނަށާއި މިފްކޯއަށް ވެސް އަދި ރާއްޖޭގެ އެހެން މަސް ގަންނަ ފަރާތްތަކަށް ވެސް ވަރަށް މުހިންމު ޚިދުމަތެއް ކަމަށެވެ. ކަނޑުމަސްވެރިކަމާއި ފަރުމަސް އަދި ބޮޑު ކަންނެލި މަސްވެރިކަންކަމުގައިވިއަސް، މަސް ގަންނަ ފަރާތްތަކުން ބޭނުންވަނީ ތާޒާކަމާއެކު މަސް ގަތުމަށްކަން ފާހަގަކުރައްވައި، މި އައިސްޕްލާންޓުތައް ބޭނުންކޮށްގެން މަހުގެ ތާޒާކަން ހިފަހައްޓައި، ބޭނުންކުރާ މީހުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް ފަރުހަތު ވިދާޅުވިއެވެ.
ފަރުހަތު ޝަހީރު ވިދާޅުވީ، ފާއިތުވި ތިން މަސްދުވަހަށް ބަލާއިރު މިފްކޯގެ ހަވާލުގައި ރާއްޖޭގެ އުތުރުން ދެކުނަށް މަސްވެރިންނަށް ޚިދުމަތް ލިބެމުންދިޔައީ އެންމެ 13 އައިސްޕްލާންޓު މެދުވެރިކޮށް ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އޮޕްރޭޝަނަށް ނުގެނެވި ހުރި އައިސްޕްލާންޓުތަކާއި އަލަށް ޤާއިމްކުރެވުނު ޕްލާންޓުތަކާއެކު، މިހާރު ޖުމްލަ 23 އައިސްޕްލާންޓަކުން މަސްވެރިންނަށް ޚިދުމަތް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
“މިއަދު އުފަލާ އެއްކޮށް އަޅުގަނޑުމެން ދަންނަވަން ޖެހޭނީ ސަރުކާރުން ކުރެއްވި މަސައްކަތުން އަޅުގަނޑުމެން މިއަދު މިހުޅުވޭ ޕްލާންޓާއެކު މުޅި ރާއްޖޭގެ އުތުރުން ދެކުނަށް 23 އައިސްޕްލާންޓްގެ ޚިދުމަތް އަޅުގަނޑުމެން މަސްވެރިންގެ ކޮމިއުނިޓީއަށް ލިބެމުންދާނެކަން.” ފަރުހަތު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިފްކޯގެ މަސައްކަތަކީ ހަމައެކަނި އައިސްޕްލާންޓުތައް ޤައިމްކޮށް ދޫކޮށްލުން ނޫންކަމަށާއި، އެތަންތަނުގެ އޮޕަރޭޝަނަލް ހާލަތު ބަލަހައްޓައި، ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި މަސްވެރިންނާ ހަމައަށް ފޯރުކޮށްދިނުމަކީ މިފްކޯގެ ޒިންމާއެއް ކަމަށެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް ގާއިމްކޮށް، އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

