ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ”ޖެނަރޭޝަނަލް ބޭން“ އާ ގުޅިގެން ބޭއްވި ޚާއްސަ ޓެލެތޯން ރޭގެ ދަންވަރު ނިންމާލައިފިއެވެ. މި ޓެލެތޯނަކީ 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ މީހުން، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެތީ އެކަމަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ޓެލެތޯން ފެށިފައިވަނީ މިދިޔަ ހުކުރު ދުވަހު ހަވީރު 4:00 ގައި ކަމަށް ވާއިރު، ނިންމާލާފައިވަނީ ރޭ ދަންވަރު 00:00 ގައެވެ.
މި ޓެލެތޯންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލާ ގުޅޭގޮތުން ސިއްޙީ ގޮތުންނާއި ދީނީ ގޮތުން މުހިންމު މަޢުލޫމާތުތައް ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިންޓަވިއުތަކާއެކު ގެނެސްދީފައިވެއެވެ. މީގެ އިތުރުން ޒުވާނުންނާއި ބެލެނިވެރިންނާއި ސްކޫލް ދަރިވަރުންގެ ޝުޢޫރުތައް ހިމެނޭ ގޮތަށް ތަފާތު ބައިތައް ޓެލެތޯންގައި ވަނީ ހިމަނާފައެވެ.
ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކެސީ ސްޓޯލާއި ލައިވް މިއުޒިކް އަދި ފޮޓޯ ބޫތާ އެކު ކުރިއަށްގެންދިޔަ ދުވުމަކީ ޓެލެތޯންގެ އެންމެ ހައިލައިޓް އެއް ހަރަކާތެވެ. މި ދުވުމުގައި ޖުމްލަ 8959 މީހުން ބައިވެރިވެ، ދުވެފައިވެއެވެ. މި ހަރަކާތުގައި 110 އަކަށްވުރެ ގިނަ ކްލަބް ޖަމިއްޔާ ޖަމާއަތްތަކުންނާއި، 10 މީޑިއާ ޗެނަލް، 216 ސްކޫލް އަދި 65 ރަށަކުން ބައިވެރިވެފައިވެއެވެ.
މި ޓެލެތޯންގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. އެގޮތުން 188 ރަށަކުން ވީޑިއޯއާއި، 150 އަށްވުރެ ގިނަ މީހުންގެ އަޑު ޓެލެތޯންގައި ގެނެސްދެވިފައިވެއެވެ. މި ޓެލެތޯން ނިންމާލާފައިވާއިރު، މިއީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ޤާނޫނީ ފިޔަވަޅުތަކަށް ރައްޔިތުންގެ ސަމާލުކަން ހޯދައި، އެކަމަށް ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދިޔަ ކާމިޔާބު ހަރަކާތެއް ކަމަށް ފާހަގަކުރެވެއެވެ.

