އުމުރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން ދޫކުރާ ވިސާގެ ދަށުން އެ ގައުމަށް އެތެރެވުމަށް ލިބޭ މުހުލަތު ތިން މަސް ދުވަހުން އެއް މަސް ދުވަހަށް ކުރުކުރަން ސައުދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ބަދަލާއެކު، ވިސާ ލިބޭ ފަރާތްތަކުން އެއް މަސް ދުވަހުގެ ތެރޭގައި ސައުދީއަށް އެތެރެވުން ލާޒިމުވާނެއެވެ.
މީގެ ކުރިން ސައުދީ އަރަބިއްޔާއިން އުމްރާވެރިންނަށް ދޫކުރާ ވިސާގެ ދަށުން އެ ގައުމަށް އެތެރެވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބެމުން ދިޔައެވެ. ނަމަވެސް، ފާއިތުވި ޖޫން މަހު ފެށުނު އުމްރާ މޫސުމުގައި ދޫކުރި ވިސާގެ އަދަދު ނިމުނު މޫސުމާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެ ހަތަރު މިލިއަނަށް އެރުމާ ގުޅިގެން، އުމްރާގެ ވިސާއާ ގުޅުންހުރި ގަވާއިދަށް އިސްލާހުތަކެއް ގެނައުމަށް ވުޒާރާއިން ނިންމާފައިވާކަން ސައުދީގެ ރަސްމީ ގެޒެޓުގައި ވަނީ ހާމަކޮށްފައެވެ.
އުމްރާ ވިސާގެ އުސޫލަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، އެންޓްރީ ވިސާގެ މުއްދަތު އެއް މަސް ދުވަހަަށް ކުރުކުރުން ހިމެނެއެވެ. އެހެންކަމުން، ވިސާ ލިބޭ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ސައުދީއަށް އެތެރެވުން ލާޒިމުވާނެއެވެ. ނަމަވެސް، ސައުދީއަށް އެތެރެވުމަށްފަހު ކުރިއެކޭ އެއްގޮތަށް އެ ގައުމުގައި އުމްރާގެ އަޅުކަން އަދާކުރުމަށް ތިން މަސް ދުވަހު މަޑުކުރުމަށް ހުރަހެއް ނޯންނާނެ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ނޭޝަނަލް ކޮމިޓީ ފޯ އުމްރާ އެންޑް ވިޒިޓްގެ އެޑްވައިޒަރު އަހުމަދު ބާޖާއިފަރު ވިދާޅުވި ގޮތުގައި، މި ބަދަލުތައް ގެނެސްފައިވަނީ މި ސީޒަންގައި އުމްރާވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ގައުމަށް ވަނުމުގެ ކަންކަން އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގެ އިތުރުން، ދެ ހަރަމްފުޅުގައި ދިމާވާނެ ތޮއްޖެހުން ހުއްޓުވުމަށެވެ. އެ ބަދަލުތަކުގެ ސަބަބުން އުމްރާވެރިންނަށް ދަތުރުފަތުރުގެ ކަންކަން ރޭވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

