މާލޭގެ އަމީނީ މަގުގައި ހުންނަ ފުރުގާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ، މިސްކިތަށް ގެއްލުން ދިން ކަމުގެ ރިޕޯޓް އެމީހުންނަށް ލިބުނީ ރޭ ދަންވަރު 2:20 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ކިހިނެއްކަމާއި، މިކަމުގެ ފަހަތުގައި ވަނީ ކޮންބަޔެއްކަން މިވަގުތު ސާފު ނޫން ކަމަށާއި، ފުލުހުން މި މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މިއީ ފުރުގާން މިސްކިތަށް ގެއްލުން ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ވެސް މިސްކިތަށް ވަދެ ގެއްލުންދީ، މިސްކިތުގެ ތެރޭގައި ހުރި ޤުރުއާން (ހަތިމުތައް) އުކާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައި ވެއެވެ.

