ނަސްރުގެ ދުވަހާ ގުޅިގެން މާދަމާ މާލޭގެ މުހިންމު ސަރަހައްދުތަކެއް ބަންދުކޮށް، ޓްރެފިކް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކުރައްވާފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އާއި މިލިޓަރީ ޑިސްޕްލޭ އިވެންޓާ ގުޅިގެންނެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އާ ގުޅިގެން ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، ސޯޝަލް ސެންޓަރުގެ ވަށައިގެންވާ މަގުތައް ވަނީ މުޅިން ބަންދުކޮށްފައެވެ. މީގެ އިތުރުން، ނަސްރުގެ ދުވަހުގެ މިލިޓަރީ ޑިސްޕްލޭ އިވެންޓާ ގުޅިގެން ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކާއި ފަޅު ވެސް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބަންދުކުރެވޭ މަގުތަކުގެ ތަފްސީލު:
ފުލުހުން އާންމުކުރި ޗާޓުގައިވާ ގޮތުން، އެއްގަމު އުޅަނދު ފަހަރަށް ބޮޑުތަކުރުފާނު މަގުން ވަޅޯމަސް މާރުކޭޓާ ހިސާބުން ފެށިގެން ބީއެމްއެލް ހެޑް އޮފީހާ ހަމައަށް މަގު ބަންދުވާނެއެވެ. އަދި އޯކިޑް މަގުގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާ ހިސާބުން ފެށިގެން އަމީރު އަހުމަދު މަގުން ރައީސް އޮފީހާ ހަމައަށް ވެސް އެ މަގު ބަންދުވާނެއެވެ.
މީގެ އިތުރުން، ޗާންދަނީ މަގުގެ ސީގަލް ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މަގު ބަންދުވާނެ ކަމަށް ވެސް ޗާޓުން ދައްކައެވެ. ޗާންދަނީ މަގު ޖުމްހޫރީ މައިދާނާ ހިސާބުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަށައިގެން އޮންނަ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފައެވެ.
ކަނޑުގެ ސަރަހައްދު ބަންދުކުރުމަށް ނިންމާފައިވާ ގޮތަށް ބަލާއިރު، ރަސްމީ ފާލަމުން ފެށިގެން ކަނޑުގެ 300 މީޓަރުގެ ސަރަހައްދެއް ވެސް ބަންދުކޮށްފައިވާ ކަމަށް ފުލުހުންގެ ޗާޓުން ދައްކައެވެ. ފުލުހުން ވަނީ މި ބަދަލުތަކަށް ރައްޔިތުން ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

