ނިލަންދޫ ކައުންސިލް ރާވެރިޔާ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި މާމެންދޫ އަންހެން ވޮލީ ޓީމް ބަލިކޮށް ވިލިނގިލީ ޔުނައިޓެޑް ކުލަބުން މުބާރާތް މޮޅަކުން ފަށައިފިއެވެ.
ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މި މެޗު އެޓީމުން ކާމިޔާބު 3-2 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ވިލިނގިލީ ފެނިގެން ދިޔައީ ތަފާތު ފޯމެއްގައި ކުޅެމުންދިޔަ ތަނެވެ. ރަނގަޅު ނިންމުންތަކާއިއެކު މި ސެޓު 25-19 އިން ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓުގައި މާމެންދޫ އިން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ. މި ސެޓުގައި ވިލިނގިލީ ޓީމްގެ ރިސީވިންތަކުގައި މައްސަލަ ޖެހުނު އިރު މިސެޓު 10-25 އިން ކާމިޔާބު ކުރީ މާމެންދޫ އަންހެން ވޮލީ ޓީމެވެ. މެޗުގެ ތިން ވަނަ ސެޓުގައި ފެނިގެން ދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ގާތްގާތުގައި ދެ ޓީމް ވެސް ޕޮއިންޓައް ހޯދި އިރު މި ސެޓު 27-25 އިން ކާމިޔާބު ކުރީ ވިލިނގިލީ ޔުނައިޓެޑް ކުލަބެވެ. މެޗުގެ 4 ވަނަ ސެޓު މާމެންދޫ ކާމިޔާބު ކުރި އިރު ނަތީއްޖާ ނެރުމަށް ކުޅުނު ޓައި ބްރޭކް ސެޓުގައި މާމެންދޫއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މި ސެޓު 15-10 އިން ނަގައި 3-2 ސެޓުން މެޗް ވަނީ ކާމިޔާބުކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވިލިނގިލީ ޔުނައިޓެޑް ކުލަބުގެ ޖާޒީ ނަންބަރު 1 ހައްވާ ނަހުޒާ އަލީ ޒާހިރުއެވެ.
މުބާރާތުގެ ފިރިހެން 6 ޓީމް ބަހާލައިފައިވަނީ 2 ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮންބޮން ސްޕޯޓްސް ކްލަބް ލެޖެންޑްސް، އަދި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް އެވެ.
ގްރޫޕް ބީގައި ހިމެނެނީ ބޮންބޮން ސްޕޯޓްސް ކުލަބު، މަރަޓާ ވޮލީބޯލް ޓީމް، އަދި ދަ ރެޒިޑެންސް މޯލްޑިވްސްއެވެ.
މި މުބާރާތުގައި އަންހެން ޑީވިޝަންގެ 4 ޓީމް ބައިވެރިވެފައި ވުމާއިއެކު މި ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންމެ ފަހުގެ ގެމަނަފުށި ވޮލީބޯލް ކުލަބު، ގއ މާމެންދޫ ވުމެންސް ޓީމް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، އަދި ބޮންބޮން ސްޕޯޓްސް ކުލަބެވެ.
އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މާމެންދޫ ވޮލީ ޓީމް އަދި ވިލިނގިލީ ޔުނައިޓެޑް ކުލަބެވެ. މި މެޗް އޮންނާނީ 2 ނޮވެމްބަރ 2025 ގެ ހަވީރު 16:00 ގައެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިމާލް ( ބުޅިކޭ ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ. އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ކެޕްޓަން މާޖިދާ، މާޔާ، ހައްވަ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

