ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ކަންކަމަށް ދަތިވާ މީހުންނަށް އެހީ ހޯދުމުގައި ބޭނުންކުރާނެ ޚާއްސަ ކާޑެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަކާތު ހައުސް އިން މިއަދު ބުނެފި އެވެ. މި ކާޑަކީ ފަގީރުކަމުގައި ތިބި މީހުންގެ ހާލަތު ރަނގަޅުކޮށް، ތަނަވަސް ހާލަތަކަށް ގެނައުމަށް އެ އިދާރާއިން ކުރާ މަސައްކަތުގެ ބައެކެވެ.
ޒަކާތު ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ފަގީރުންނަށް ޚާއްސަކޮށް ތައާރަފްކުރާ މި "ބެނެފިޝަރީ ކާޑު" މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ އިދާރާގެ ވަރަށް މުހިއްމު މަގުސަދެކެވެ. މި ކާޑު ތައާރަފު ކުރުމުން، އާސަންދައިން ކަވަރުނުކުރާ ސިއްހީ ހިދުމަތްތައް ޒަކާތު ފަންޑުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
މީގެ އިތުރުން، މި ކާޑުގެ ސަބަބުން ރޯދަ މަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި، ތައުލީމާ ގުޅުންހުރި އެހީތައް ވެސް ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންނަށް ލިބިގެންދާނެ އެވެ. މިހާރު މުދަލު ޒަކާތާއި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި ޖުމްލަ 2،852 މީހުން ހިމެނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޒަކާތު ހައުސް ނަމުގައި ވަކި އިދާރާއެއް އުފެއްދެވުމަށް ފަހު، ފަގީރުންނަށް އެހީތެރިވުމުގެ ގިނަ މަސައްކަތްތަކެއް ވަނީ ފަށާފަ އެވެ. އެގޮތުން، ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް އިންޝުއަރެންސް ހަމަޖައްސައިދޭން ވަނީ ނިންމާފަ އެވެ. އަދި މިއަދު ޒަކާތު ހައުސްއިން ވަނީ ސޯޝަލް ހައުސިންގެ ދަށުން ފްލެޓް ލިބުމަށް ފަހު ޑައުން ޕޭމަންޓް ނުދެއްކި ތިބި ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ޒަކާތު ފަންޑުން އެ ފައިސާ ދައްކައިދޭން ވެސް ނިންމާފަ އެވެ.

