ނިލަންދޫ ކައުންސިލް ރާވެރިޔާ ވޮލީ މުބާރާތް 2025 ގައި އެންމެ ފަހުގެ ރަނަރަޕް ބޮންބޮން ސްޕޯޓްސް ކުލަބުން މުބާރާތުް މޮޅަކުން ފަށައިފިއެވެ.
ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މި މެޗު އެޓީމުން ކާމިޔާބު ސީދާ 3 ސެޓުންނެވެ.
މެޗު ފަށައިގެން ބޮންބޮން ކުޅެމުން ދިޔައީ ވަރަށް ފޯމުގައެވެ. މި ޓީމްގެ ބޭރު ކުޅުން ތެރިޔާ އަޒީމްގެ މޮޅު ކުޅުން މި މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ. އަޒީމްގެ ބާރު ޝޮޓުތައް ރިސީވް ކުރުމުގައި މަރަޓާއަށް ކުރި ލިބޭ ގޮތެއްނުވެއެވެ.
މިމެޗުގެ ފުރަތަމަ ސެޓު 25-22 އިން ބޮންބޮން ނެގިއިރު ދެވަނަ ސެޓު ފަސޭހަކަމާއިއެކު 25-19 އިން ކާމިޔާބު ކުރިއެވެ. ތިން ވަނަސެޓުގައިވެސް ތަފާތަކަށްވީ އަޒީމް އެވެ. ކާމިޔާބު ޝޮޓުތަކެއް ފޮނުވާލި މި ސެޓު ތަފާތު ބޮޑުކޮށް 25-12 އިން އެޓީމް ވަނީ ކާމިޔާބުކޮށްފައެވެ.
މަރަޓާ ޓީމަށް ރާއްޖޭގެ ގައުމީ ޓީމް ކުޅުންތެރިޔާ ހަސަން ނިލާމް ( ބުޅިކޭ ) ވަނީ ކުޅެފައެވެ. ނިލާމްގެ ބާރު ހަމަލާތަކެއް ވެސް މި މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބޮންބޮން ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 8 އަޒީމް އެވެ.
މުބާރާތުގެ ފިރިހެން 6 ޓީމް ބަހާލައިފައިވަނީ 2 ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮންބޮން ސްޕޯޓްސް ކްލަބް ލެޖެންޑްސް، އަދި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް އެވެ.
ގްރޫޕް ބީގައި ހިމެނެނީ ބޮންބޮން ސްޕޯޓްސް ކުލަބު، މަރަޓާ ވޮލީބޯލް ޓީމް، އަދި ދަ ރެޒިޑެންސް މޯލްޑިވްސްއެވެ.
މި މުބާރާތުގައި އަންހެން ޑީވިޝަންގެ 4 ޓީމް ބައިވެރިވެފައި ވުމާއިއެކު މި ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންމެ ފަހުގެ ގެމަނަފުށި ވޮލީބޯލް ކުލަބު، ގއ މާމެންދޫ ވުމެންސް ޓީމް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، އަދި ބޮންބޮން ސްޕޯޓްސް ކުލަބެވެ.
އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މާމެންދޫ ވޮލީ ޓީމް އަދި ވިލިނގިލީ ޔުނައިޓެޑް ކުލަބެވެ. މި މެޗް އޮންނާނީ 2 ނޮވެމްބަރ 2025 ގެ ހަވީރު 16:00 ގައެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިމާލް ( ބުޅިކޭ ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ. އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ކެޕްޓަން މާޖިދާ، މާޔާ، ހައްވަ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

