ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އައު ޕެސެންޖަރ ޓަރމިނަލް، ޓީ1 އިން ބައިނަލްއަޤްވާމީ އިތުރު ތިން އެއާލައިނަކަށް ޚިދުމަތް ދޭން ފަށައިފިއެވެ. މިގޮތުން ޗައިނާގެ ސިޗުއާން އެއާލައިންސް، ޔޫއެސް ބަންގްލާ، އަދި އުޒްބެކިސްތާން އެއާވޭސްގެ އޮޕަރޭޝަންތައް ވަނީ އައު ޓަރމިނަލަށް ބަދަލު ކޮށްފައެވެ. މި ތިން އެއާލައިނާއެކު ވީއައިއޭގެ ޓީ1 އިން ޚިދުމަތް ދޭ އެއާލައިންތަކުގެ ޢަދަދު ވަނީ 21 އަށް އަރާފައެވެ.
އައު ޓަރމިނަލުން ޚިދުމަތް ދޭން ފެށި 19 ވަނަ އެއާލައިނަކީ ޗައިނާގެ ސިޗުއާން އެއާލައިންސްއެވެ. އޭގެ ފަހުން ޔޫއެސް ބަންގްލާ އަކީ 20 ވަނައަށް ޚިދުމަތް ދޭން ފެށި އެއާލައިނެވެ. އަދި އެންމެ ފަހުން ޚިދުމަތް ދޭން ފެށި އުޒްބެކިސްތާން އެއާވޭސް އަކީ ޓަރމިނަލް 1 އިން ޚިދުމަތް ދޭން ފެށި 21 ވަނަ އެއާލައިނެވެ. މި ތިން އެއާލައިންގެ އޮޕަރޭޝަންތައް ވެސް ވަނީ ޑިޕާޗަރ ސަރަހައްދުގައި ބޭއްވި ރިބަން ކެނޑުމުގެ ޚާއްޞަ ރަސްމިއްޔާތަކުން ފަށާފައެވެ.
ވީއައިއޭގެ އައު ޓަރމިނަލް ހުޅުވާފައިވަނީ 26 ޖުލައި 2025 ގައެވެ. އެންމެ ފުރަތަމަ މި ޓަރމިނަލުން ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ އެއާބަސް އޭ330 މަތިންދާބޯޓަށެވެ. އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ޓަރމިނަލަކީ ރާއްޖޭގެ އެއާޕޯޓު ތާރީޚަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މިއީ 1981 ވަނަ އަހަރު ހުޅުވި ވީއައިއޭގެ ކުރީގެ ޓަރމިނަލާ އަޅާ ބަލާއިރު، ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އައު ޓަރމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒު ކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުންނެވެ. މީގެ އިތުރުން ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ވެސް ފަރުމާގެ ތެރޭގައި ހިމަނާފައިވެއެވެ. ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ޓަރމިނަލްގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ.
މި އެއާލައިންތައް އައު ޓަރމިނަލަށް ބަދަލު ވުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހަވެ، އެއާޕޯޓުގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ވެގެންދާނެ ކަމެއްކަމަށް ވީއައިއޭ ހިންގާ އެމްއޭސީއެލްއިން އުއްމީދުކުރެއެވެ.

