ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި 130،000 ޑޮލަރު ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން، އެ މީހުންގެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ: ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25 އަހަރު)، މ. ކޯރަސް، މާލެ، އަހްމަދު ރައިހާން ނައީމް (20 އަހަރު)، އަޅިވިލާގެ، ކ. ގުރައިދޫ، އިބްރާހީމް އަނޫފް (24 އަހަރު) އަދި އަޅިވިލާގެ، ކ. ގުރައިދޫ، ހުސައިން ޝަހުދު (30 އަހަރު) އެވެ. ކޯޓުން މި ހަތަރު މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ވީއައިއޭގެ ބާ ޓާމިނަލުން އާ ޓާމިނަލަށް ދާން ހަދާފައިވާ “ވޯކްވޭ” މަތިންނެވެ. މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވަނީ ބީއެމްއެލްގެ ދެ މުވައްޒަފުންގެ އަތުގައި ހުރި 130،000 ޑޮލަރު ހިމެނޭ ސޫޓްކޭސް ވަޅިން ބިރު ދައްކައިގެން ފޭރިގަނެފައެވެ. މި ފައިސާއަކީ ރާއްޖެއިން ބޭރަށް ފުރާ ބައެއް ދިވެހިންނަށް ދޫކުރުމަށްޓަކައި އާ ޓާމިނަލްގެ ޑޮލަރު ކައުންޓަރަށް ގެންދަން ހުރި ފައިސާއެވެ.
ޑޮލަރު ފޭރިގަތުމަށް ފަހު ވަގުން ވަނީ ކާރެއްގައި ޓާމިނަލަށް ފޭބުމަށް ފަހު، ހުޅުލޭ ޖެޓީގައި ތައްޔާރުކޮށްފައި އޮތް ޚާއްސަ ލޯންޗަކަށް އަރައިގެން ފިލާފައެވެ. ފައިސާ ފޭރިގަންނަ ވަގުތު އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ތުހުމަތުކުރެވޭ ހަތަރު މީހުން ލޯންޗުގައި ހުރައަށް ގާތްކުރީ ހާދިސާ ހިނގި ދުވަހުގެ ހެނދުނު 8:45 ހާއިރު ކަމަށް އެ ރަށުން ވާހަކަ ދެއްކި ފަރާތަކުން ބުނެ އެވެ.
އެ މީހުންގެ ބަންދަށް ފުރަތަމަ 5 ދުވަސް ދިން އިރު، އެ ފަސް ދުވަސް މިއަދަށް ހަމަވުމުން އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުގައި ބައިތިއްބުމަށް އަމުރުކޮށްފައެވެ.
މި ހަތަރު މީހުންނާއި މި މީހުން ދަތުރުކުރި ލޯންޗު އަތުލައިގަތް ނަމަވެސް، އެ މީހުން ފޭރިގަތް 100،000 އެމެރިކާ ޑޮލަރު އަދިވެސް ހޯދިފައެއް ނުވެއެވެ.
މީގެ އިތުރުން އެ މީހުންގެ އަތުން ބަނގުރާފުޅިތަކެއް ވެސް ފެނިފައިވެ އެވެ. ނަމަވެސް، ވަގަށް ނެގި ޑޮލަރު އަދި ފެނިފައިނުވާ ކަމަށް މައުލޫމާތު އެނގޭ ފަރާތުން ބުނެފައިވެ އެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

