ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ކެއުމުގެ ވަގުތަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ޚާއްޞަކޮށް ރޭގަނޑުގެ ކެއުން ލަސްކޮށް ކެއުމަކީ ސިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއްކަން ދިރާސާތަކުން ދައްކައެވެ. މިއަދުގެ ފަތިސްތަރީގައި އަލިއަޅުވާލާނީ ރޭގަނޑު ލަސްކޮށްފައި ކެއުމުން ދުރުހެލިވާންވީ ސަބަބުތަކާއި، އަދި އަވަހަށް ކެއުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާތަކަށެވެ.
ރޭގަނޑު ލަސްކޮށް ކެއުމުގެ ނޭދެވޭ އަސަރުތައް
ހަށިގަނޑުގެ ބަރުދަނާއި މުޅި ސިއްހަތު ދުޅަހެޔޮކޮށް ދެމެހެއްޓުމަށްޓަކައި ރޭގަނޑު ލަސްކޮށްފައި ކެއުމުން ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ލަސްކޮށް ކެއުމުގެ ސަބަބުން ހަށިގަނޑުގެ ގުދުރަތީ މަސައްކަތްތަކަށް ބުރޫ އަރައެވެ.
1. ހޯމޯނަލް ރެގިއުލޭޝަނަށް ބުރޫއެރުން
ލަސްކޮށްފައި ކެއުމުގެ ސަބަބުން ބަނޑުހައިހޫނުކަމުގެ ހޯމޯން (ގްރެލިން އަދި ލެޕްޓިން) ރެގިއުލޭޝަނަށް ބުރޫ އަރައެވެ. މިއީ ބަނޑުހައިހޫނުކަން އިތުރުވެ، ކެއުމުގެ ފުރުސަތު ބޮޑުވެ، ބަރުދަން އިތުރުވެ، ނުތަނަވަސްކަމާއި އޮބޭސިޓީއަށް މަގުފަހިވެގެންދާ ކަމެކެވެ. ހޯމޯނަލް ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި ކެއުމުގެ ވަގުތުތައް ބަދަލުނުވާ ގޮތަށް ބެހެއްޓުން މުހިންމެވެ.
2. ހަޖަމުކުރުން ދަށްވުން
ރޭގަނޑު ލަސްކޮށްފައި ކެއުމަކީ ހަށިގަނޑުގެ ގުދުރަތީ ހަޖަމުކުރުމުގެ މަރުހަލާއަށް ހުރަސްއެޅޭ ކަމެކެވެ. ރޭގަނޑު މެޓަބޮލިޒަމް ލަސްވެ، ނިދުމާއި ކައިރިކޮށް ބަރު ކާނާ ކެއުމަކީ ހަޖަމުވުމުގައި ދަތިތައް ކުރިމަތިވެ، އެސިޑް ރިފްލަކްސް (ބަނޑުހިކުން) އަދި ނިދުމަށް ހުރަސް އެޅުން ފަދަ ކަންތައް ކުރިމަތިވާ ކަމެކެވެ.
3. ނިދުމުގެ ފެންވަރު ދަށްވުން
ރޭގަނޑު ލަސްކޮށްފައި ކެއުމުން ފުރިހަމަ ނިދި ނުލިބުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ބޮޑެތި ކެއުންތައް ހަޖަމުކުރުމަށް ހަށިގަނޑު މަސައްކަތް ކުރާތީ، ނިދުމުގެ ވައްޓަފާޅިއަށް ބުރޫ އަރާ، ނިދުމާއި އަރާމުކުރުން އުނދަގޫވެއެވެ. ނިދުމުގެ ކުރިން ބަނޑު ފުރާނަ މިންވަރަށް ކެއުމުން ހަށިގަނޑު ހަމަޖެހި ނިދުމަށް ދަތިވެއެވެ.

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށްވެސް ރޭގަނޑުގެ ކެއުން އަވަސް ކުރުން ވަރަށް މުހިންމު… ފޮޓޯ: މައިހެލްތީޓިޕްސް
ރޭގަނޑު އަވަހަށް ކެއުމުގެ ފައިދާތައް
ރޭގަނޑު އަވަހަށް ކެއުމަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. މިއީ ހަށިގަނޑުގެ ގުދުރަތީ ގަޑި (ސާކޭޑިއަން ރިދަމް) އަށް އެހީތެރިވެދޭ ކަމެކެވެ.
1. މެޓަބޮލިކް ދުޅަހެޔޮކަން އިތުރުވުން
ރޭގަނޑު އަވަހަށް ކެއުމުގެ ސަބަބުން އިންސޫލިން ސެންސިޓިވިޓީ ރަނގަޅުވެ، ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. މިއީ ހަކުރު ބައްޔާއި މެޓަބޮލިކް ސިންޑްރޯމް ފަދަ ބަލިތަކުން ދުރުހެލިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި އަވަހަށް ކެއުމުން ހަށިގަނޑުގެ ފެޓް އަންދާލުމުގެ ގާބިލިއްޔަތު އިތުރުވެ، ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.
2. ނިދުމުގެ ފެންވަރު ރަނގަޅުވުން
ނިދުމުގެ ކުރިން ހަށިގަނޑަށް ކާނާ ހަޖަމުކުރުމަށް ފުދޭ ވަގުތު ލިބުމަކީ ފުރިހަމަ އަދި އަރާމު ނިދިއެއް ލިބުމަށް އެންމެ މުހިންމު އެއް ކަމެވެ. އަވަހަށް ކެއުމުން ހަޖަމުކުރުމުގެ ނިޒާމަށް ލުއިކަން ލިބި، ރޭގަނޑު ބަނޑުގައި ތަދުވުން ނުވަތަ އެސިޑް ރިފްލަކްސް ފަދަ ކަންކަމުން ދުރުހެލިވެއެވެ. މިއީ ނިދުމުގެ ސައިކަލް ހަމަޖެއްސުމަށް އެހީތެރިވެދޭ ކަމެކެވެ.
3. ބަލިތަކުގެ ނުރައްކާ ކުޑަވުން
ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑު އަވަހަށް ކެއުމަކީ ބައެއް ކެންސަރުގެ ބާވަތްތަކާއި، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ. މިއީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ހަރުދަނާކޮށް، ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.
ރޭގަނޑު ލަސްކޮށްފައި ކެއުމަކީ ހަށިގަނޑުގެ ހޯމޯނަލް ނިޒާމަށާއި، ހަޖަމުކުރުމުގެ ނިޒާމަށާއި، ނިދުމުގެ ފެންވަރަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އެހެންކަމުން، ސިއްޙަތު ރަނގަޅުކޮށް، ބަރުދަން ކޮންޓްރޯލް ކުރުމަށްޓަކައި ރޭގަނޑުގެ ކެއުން އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކެއުމުގެ ވަގުތުތައް ރަނގަޅަށް ބެލެހެއްޓުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

