އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން އިއްޔެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ. މި ހާދިސާގައި އިއްޔެ ބިދޭސީއަކުވެސް ވަނީ ނިޔާވެފައެެ.
ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާޙް އަބްދުﷲއެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަލީ އަފްލާހު ނިޔާވިއިރު އުމުރަކީ 25 އަހަރެވެ. އޭނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ކުރުމަށް ވަނީ ނިންމާފައެވެ.
މި ހާދިސާގައި އިއްޔެ ނިޔާވެފައި ވަނީ ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން ހާލު ސީރިއަސްވެ ފަރުވާދެމުންދިޔަ، އުމުރުން 32 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ މަސްޢޫދު ޙޮސައިނެވެ.
ފުލުހުން ބުނިގޮތުގައި އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ އިއްޔެ 15:44 ހާއިރުައެވެ.
މިހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ވަގުތުން ހަރަކާތްތެރިވެ މީހުން ސަލާމަތްކުރުމުގެ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ހާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާ ވަނީ ނަގާފައެވެ. އަދި ކަނޑުވި އެހެންމީހުންވެސް ސަލާމަތްކުރިއެވެ.
މިމަައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

