ނަޞްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް މިއަދު ފަށާފައިވަނީ ދިވެހި ސިފައިން އެއް ޖަމާޢަތެއްގައި ކުރި ފަތިސްނަމާދާއެކުއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި މި ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި ގިނަ އަދަދެއްގެ ދިވެހި ސިފައިންނާއި އާންމުންވެސް ވަނީ މި ޖަމާޢަތުގައި ބައިވެރިވެފައެވެ.
ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ހިމެނެއެވެ. މި ރަސްމިއްޔާތަށްފަހު، ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ހެނދުނު 9:00 ޖަހާއިރު ޒުވާނުންގެ މަރުކަޒުގައެވެ.
މިއަދުގެ ހަރަކާތްތަކުގެ ތެރޭގައި ޖުމްހޫރީ މައިދާނުގައި ހެވިކަމުގެ ހުނަރުތައް ދައްކާލުމުގެ ޚާއްސަ ހަރަކާތެއްވެސް އޮންނާނެއެވެ. މި ހަރަކާތުން ދައްކުވައިދޭނީ ނިރުބަވެރި ހަމަލާއެއް ކުރިމަތިވުމުން އެކަން ނާކާމިޔާބުކޮށްލުމަށް ދިވެހި ސިފައިން ކުރާ މަސައްކަތްތަކެވެ.
މިއަހަރުގެ ނަޞްރުގެ ދުވަހުގެ ޚާއްސަ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީގައެވެ. މި މައުރަޒު އޮންނާނީ މިމަހުގެ 7 އަދި 8 ވަނަ ދުވަހުއެވެ. ތިނަދޫގައި މައުރަޒު ބޭއްވުމުގެ ޚާއްސަ ސަބަބަކީ، 3 ނޮވެންބަރުގެ ޙަމަލާގައި އެންމެ ފުރަތަމަ ޝަހީދުވެވަޑައިގެންނެވި ސިފައިންގެ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ޒުހައިރު ނިސްބަތްވެވަޑައިގަންނަވަނީ އެ ރަށަށް ކަމަށްވުމެވެ.
ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ މައްޗަށް އަތްގަދަކުރުމަށް ދިވެހި 7 ޚާއިންނާއި ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން ކުއްލި ޢުދުވާނީ ޙަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަހެވެ. މި ޙަމަލާގައި ދިވެހި ސިފައިންނާއި ދުޝްމަނުންގެ މެދުގައި ކުރެވުނު ހަނގުރާމައިގައި 19 ދިވެހިން ޝަހީދުވިއެވެ.

