މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިންނާއި ގިނަ އަދަދެއްގެ ސިފައިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މި ރަސްމިއްޔާތުގައި ހަނދާނީ ބިނާގައި ޖެހި 8 ދިދައިން ރަމްޒުކޮށްދެނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ދިން ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ 8 ބޭކަލުންނެވެ. އެދުވަހުގެ ޙަމަލާގައި ޖުމްލަ 19 ދިވެހިން ޝަހީދުވިއެވެ؛ އެއީ ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ. ނަޞްރުގެ ދުވަހަކީ ދިވެހި 7 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ.
ރަސްމިއްޔާތުގެ ތެރެއިން ޝަހީދުވި މީހުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެނެސް، 7 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ. ރަސްމިއްޔާތު ނިންމާލީ ދުވަހާ ގުޅޭ ޚާއްސަ ދުޢާއެއްކުރުމަށްފަހު ސިފައިންގެ ރަސްމީ ލަވައިންނެވެ.
3 ނޮވެންބަރުގެ ހަނދާނީ ބިނާއަކީ އެދުވަހު ޤައުމުގެ ދިފާޢުގައި ވެފައިވާ އަގުނުކުރެވޭ ގުރުބާނީގެ ޒިކުރާ އައުކުރުމަށް ޤާއިމްކޮށްފައިވާ ބިނާއެކެވެ. ސިފައިންގެ މައި މަރުކަޒުގެ ހުޅަނގު ދެކުނު ކަނުގައި ހުންނަ މި ބިނާ ޤާއިމުކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ. މި ބިނާ ފަރުމާކޮށްފައިވަނީ ސިފައިންގެ މައިމަރުކަޒަށް ޓެރަރިސްޓުން ވަނުމަށްޓަކައި ފާރުގޮއްވާލާ ފޫއަޅުވާލި ބާގަނޑު ނަކަލުކޮށްދޭ ގޮތަށެވެ. މި ބާގަނޑުގެ ތެރެއިން ފެންނަން ހުރި އައްޑަނަ ރަމްޒްކޮށްދެނީ ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމުގެ ދިފާޢުގައި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދެވެ.
އައްޑަނައިގެ ވަށައިގެން ލިޔެފައިވާ ލިޔުމަކީ މާތްﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންނަށް ހުރި ދަރުމައިގެ ވާހަކަ ބަޔާންކުރައްވާ މާތްﷲ ވަހީކުރައްވާފައިވާ އާޔަތާއި އެއާޔަތުގެ ދިވެހި ތަރުޖަމާއެވެ. މި ލިޔުމުން ރަމްޒަކޮށްދެނީ ދިވެހި ސިފައިންނަކީ އިސްލާމީ މަތިވެރި އަޤީދާއިން ހިތްވަރު ލިބި ދީނާއި ޤައުމަށްޓަކައި ވާންޖެހޭ ކޮންމެ ގުރުބާނީއެއްވުމަށް އަބަދުވެސް ތައްޔާރަށް ތިބި ބައެއްކަމެވެ. އަދި ބިނާގެ ދެފަރާތުގައި ފަރުމާކޮށްފައިވާ 8 މާބޮނޑި ރަމްޒްކޮށްދެނީ 3 ނޮވެންބަރުގައި ޝަހީދުވި ސިފައިންގެ މަތިވެރި ގުރުބާނީއާއި މަތިވެރި ޒިކުރާއެވެ. ކޮންމެ އަހަރަކުވެސް ނަޞްރުގެ ދުވަސް ފާހަގަކުރުމަށް މި ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތެއް ބާއްވައެވެ.

