މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީ، މުރާލިކަމާއެކު ހިދުމަތް ކުރާނޭ އިހްލާސްތެރީން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހާ ގުޅިގެން މިއަދު ކުރެއްވި ޚާއްސަ ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގައި މި ގައުމު ދިފާއުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ގައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ގައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫހުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމަށެވެ. އެ ހިތްވަރަކީ ދިވެހި ގައުމިއްޔަތުގެ ވަރުގަދަ ބިންގަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ފަރާތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެއީ ކޮންމެ ދާއިރާއަކުންވެސް ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީ، މުރާލިކަމާއެކު ހިދުމަތް ކުރާނޭ އިހްލާސްތެރީން ކަމަށެވެ. އެފަދަ އިޚްލާސްތެރި ހިދުމަތްތެރިންގެ މުހިންމުކަން ވަރަށް ބޮޑަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ ޕޯސްޓްގައި އިތުރަށް ވެއެވެ. “މިފަދަ އަގުހުރި ދަރީން މި ގައުމުގައި ގިނަކޮށްދެއްވުން އެދި ހެޔޮ ދުއާކުރަމުން، ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ތަކުރާރު ކުރަން،”
ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. ކޮންމެ އަހަރަކު ވެސް ރާއްޖޭގައި މި ދުވަސް ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނައިރު، މި އަހަރު ވެސް ނަސްރުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

