ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ. މި ޝަރަފު އަރުވާފައިވަނީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މި އައްޑަނައަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގައި ރައީސް މައުމޫން ޤައުމަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދައުލަތުން ދެއްވި ޤައުމީ ފެންވަރުގެ ޝަރަފެކެވެ.
ނޮވެންބަރު 3ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ދިނުމުގެ މަޤްޞަދަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް މައުމޫން ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތައް ފާހަގަކޮށް، އެ ދުވަހު ޤައުމަށް ކޮށްދެއްވި ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމެވެ. އެދުވަހުގެ ނިރުބަވެރި ޙަމަލާއިން ޤައުމު ސަލާމަތްކުރުމުގައި ރައީސް މައުމޫން އަދާކުރެއްވި ދައުރު ބޮޑުކަން މިކަމުން ހާމަވެގެންދެއެވެ.
އެ ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި ހުންނަވައިގެން ރައީސް މައުމޫން ދެއްވި އިރުޝާދާއި ކުރައްވާފައިވާ އަގުހުރި ޚިދުމަތްތައް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ. ދުޝްމަނުންގެ ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލުމަށް ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން، ޤައުމުގެ މިނިވަންކަމާއި ސާވަރިންޓީ ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެގެން ދިޔައެވެ.
ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިވެހި 6 ޚާއިނުން ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. މި ލާއިންސާނީ ޙަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލާފައިވެއެވެ. މިފަދަ ދުވަހެއްގައި ކުރީގެ ރައީސަކަށް ޝަރަފު އެރުވުމަކީ، ޤައުމީ ޚިދުމަތްތެރިންގެ އަގު ވަޒަންކުރުމުގެ މުހިންމު މިސާލެކެވެ.

