ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ބޭފުޅުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވައިފިއެވެ. މި އައްޑަނަ އަރުވާފައިވަނީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ނޮވެންބަރު 3ގެ ޝަރަފުގެ ހަނދާނީ އައްޑަނައަކީ، އެ ދުވަހުގެ ޙަމަލައިގައި ޝަހީދުވި ސިފައިންނާއި ޢާންމުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާފައިވާ ޝަރަފެކެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ، ބޭރުގެ ނިރުބަވެރި ބަޔަކު ދިވެހި 7 ޚާއިނުންނާ ގުޅިގެން ސްރީލަންކާގައި ހަރަކާތްތެރިވަމުންދިޔަ ޕްލޯޓް ޖަމާޢަތާ ގުޅިގެން ދިން ޢުދުވާނީ ޙަމަލާއިން ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. މި ޙަމަލާގައި ޖުމްލަ 19 ބޭފުޅަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ޢާންމުންނާއި ސިފައިންގެ 8 ބޭކަލުންނެވެ.
ޝަހީދުވި ސިފައިންގެ 8 ބޭކަލުން
ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ 8 ބޭކަލުންނަކީ:
- ޝަހީދު ކޯަޕރަލް ޙުސައިން އާދަމް (ސނ: 856) ހދ. ކުޅުދުއްފުށި / މާވާގެ (20 އަހަރު)
- ޝަހީދު ކޯޕަރަލް މުޙައްމަދު އިބްރާހިމް (ސނ: 606) ހއ. މުޅަދޫ / އަނބުގަސްދޮށުގެ (31 އަހަރު)
- ޝަހީދު ސާޖަންޓް އާދަމް ނަޞީރު (ސނ: 635) ހ. ޝޭޑީވިލާ (28 އަހަރު)
- ޝަހީދު ލެފްޓިނެންޓް މޫސާ އަޙްމަދު (ކުޑަނެވި ތުއްތު މަނިކު) (ސނ: 243) މއ. ދާރީގެ (51 އަހަރު)
- ޝަހީދު ކޯޕަރަލް ޢަބްދުﷲ ޒުހައިރު (ސނ: 830) ގދ. ތިނަދޫ ޝަރީފާ މަންޒިލް (33 އަހަރު)
- ޝަހީދު ސަރޖަންޓް ކުޑައާދަމް ކުޑަތުއްތު (ސނ: 120) ހ. އަންހީޓް (49 އަހަރު)
- ޝަހީދު ކޯޕަރަލް މުޙައްމަދު ޙަސަން (ސނ: 821) ތ. ދިޔަމިގިލި / ހ. ރަބީޢުގެ (28 އަހަރު)
- ޝަހީދު ކޯޕަރަލް ޙުސައިން މުޙައްމަދު (ސނ: 264) ބ. ތުޅާދޫ / މަބުސްތާނުގެ (38 އަހަރު)
ޝަހީދުވި 11 ޢާންމުން
މި ޙަމަލާގައި ޝަހީދުވި 11 ޢާންމުންނަކީ:
- ޝަހީދު އަލްމަރުހޫމް އިސްމާޢީލް ޙަލީމް މ. ރޯޒްބުޝް (35 އަހަރު)
- ޝަހީދު އަލްމަރުހޫމް އިބްރާހީމް ޙަމީޒު މ.ބީޗްސައިޑް / މާލެ (22 އަހަރު)
- ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު ޗާންދަނީއާގެ / ހއ. ދިއްދޫ (45 އަހަރު)
- ޝަހީދު އަލްމަރުހޫމް އަޙްމަދު ލަބީބު އޯކިޑްމާގެ / ސ.ހިތަދޫ (52 އަހަރު)
- ޝަހީދު އަލްމަރުހޫމް އިބްރާހީމް ޙުސައިން ސޯސަން / ހއ.ބާރަށް (މއ. އަންނާރުގެ) (52 އަހަރު)
- ޝަހީދު އަލްމަރުހޫމް ޢަބްދުއްސައްތާރު އާދަމް ހ. މެރިހާނާ (49 އަހަރު)
- ޝަހީދު އަލްމަރުހޫމް ޢަބްދުއްރަޙްމާން އާދަމް މ.ޑްރީމީލައިޓް / މާލެ (53 އަހަރު)
- ޝަހީދު އަލްމަރުހޫމް އަޙްމަދު ރަޝީދު ހ.ވެލްގްރޯ / މާލެ (24 އަހަރު)
- ޝަހީދު އަލްމަރުހޫމް ޙަސަން ޒަރީރު އަލިމަސްގެ / ގއ.ވިލިނގިލި (20 އަހަރު)
- ޝަހީދު އަލްމަރުހޫމް ޖަވާދު ޢުމަރު ކާމިނީގެ / ތ.ދިޔަމިގިލި (16 އަހަރު)
- ޝަހީދު އަލްމަރުހޫމް ޙުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު) ތަނބުރުމާގެ / ކ.ދިއްފުށި (70 އަހަރު)
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި ޝަރަފު އަރުވައިދެއްވުމަކީ، ޤައުމުގެ ދިފާޢުގައި ޖާނު ޤުރުބާންކުރެއްވި ބޭފުޅުންގެ ޢާއިލާތަކަށް ދައުލަތުން ދެއްވާ އިޙްތިރާމާއި ޤަދަރުގެ ހެއްކެކެވެ. މި ހަނދާނީ އައްޑަނައިގެ ސަބަބުން މި ޝަހީދުންގެ މަތިވެރި ޤުރުބާނީ ދިވެހި ޤައުމަށް އަބަދަށް ހަނދާންކޮށްދޭނެއެވެ.

