މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) ގެ ދެ މުވައްޒަފުން ނިޔާވުމާ ގުޅިގެން އެކުންފުނިން ތައުޒިޔާ ފޮނުވައިފިއެވެ.
ނޮވެމްބަރު 2، 2025 ވީ އާދިއްތަ ދުވަހު ކޮޅުވެއްޓެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ދެ މުވައްޒަފުންނަކީ މަސޫދު ހޮސެއިން އާއި ޢަލީ އަފްލާޙު ޢަބްދުﷲ އެވެ.
އެމް.ޕީ.އެލް.ގެ ލޭބަރާރގެ މަޤާމުގައި ހުރި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސޫދު ހޮސެއިން (332) ނިޔާވެފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މަސޫދު ވަނީ މި ކުންފުންޏަށް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްފައެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުންދަނިކޮށް، ކުންފުނީގެ ލޭބަރާރގެ މަޤާމުގައި ހުރި ޢަލީ އަފްލާޙު ޢަބްދުﷲ (225) ނިޔާވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަފްލާޙު މި ކުންފުންޏާ ގުޅިފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވި ދެ މުވައްޒަފުންގެ އާއިލާތަކަށް، އެމް.ޕީ.އެލް.ގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ކުންފުނީގެ ފަރާތުން ވަނީ ތަޢުޒިޔާ ފޮނުވާފައެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި މި ހާދިސާއާ ގުޅިގެން، ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު ވަނީ އެތެރޭ ތަހުޤީގެއް ފަށައިފައެވެ. އަދި މި ތަހުޤީގުން އެނގޭ މަޢުލޫމާތަށް ރިޔާއަތްކޮށް އިތުރު މަޢުލޫމާތު އާންމުކުރާނެ ކަމަށް އެމް.ޕީ.އެލް. އިން ވަނީ ބުނެފައެވެ.

