ރާއްޖޭގެ ދިފާޢީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ދިވެހި ސިފައިންނާއި ފުލުހުންގެ ކުރިއެރުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގެތެރެއިން މުހިންމު މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ ދެ އަހަރުވެސް ދިފާއީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އަދި އަންނަ އަހަރަށް ބަޖެޓު ކަނޑައެޅުމުގައި ސިފައިންނާއި ފުލުހުންގެ ޚިދުމަތާއި ތަމްރީންތަކަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ދިފާޢީ ކަންކަން ބެލެހެއްޓުމަށް އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގައި 2.8 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.
ރައީސް މުޢިއްޒު ވަނީ މާލޭގައި މިހާރު ސިފައިން ބޭނުންކުރާ ބައެއް އިމާރާތްތަކުގެ ހާލަތު ފާހަގަކުރައްވާފައެވެ. އެގޮތުން، އެ އިމާރާތްތަކަކީ ވަރަށް ދުވަސްވެ، ބާވެފައިވާ އިމާރާތްތަކެއްކަމަށާއި، މިކަންކަމަށް ޙައްލު ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ތަމްރީންތައް ދިނުމަށްވެސް އެކަށީގެންވާ އިމާރާތްތަކާއި ވަސީލަތްތަކަށް ބޭނުންވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވިއެވެ: “ކަޅުތުއްކަލާ ކޮށީގައި ސިފައިން ބޭނުންވާ އިމާރާތްތައްވެސް ދަނީ ބާވެ ވީރާނާވަމުން. އެކަން ނިމުމަކަށްގެނެސް ޙައްލު ހޯދައިދޭނަން. ދެކުނުން އައްޑޫ ސިޓީގައި ސިފައިންގެ ތަމްރީން މަރުކަޒެއް އެޅުމަށް ވަނީ ނިންމާފައި. ގިރިފުށީގައިވެސް ޓްރެނިން ސެންޓަރުގެ މަސައްކަތް މިހާރު އެވަނީ ފެށިފަ.”
ދިފާޢީ ދާއިރާގެ ކުރިއެރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން، ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްވެސް އަންނަ އަހަރުން ފެށިގެން އިތުރަށް ފުޅާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި ޕްރޮގްރާމަށް 1000 ޒުވާނުންނަށް ފުރުޞަތު ދޭނެއެވެ. މިއަހަރު ހުޅުވާލި 300އެއްހާ ފުރުޞަތަށް 1200އަށްވުރެ ގިނަ ޒުވާނުން ކުރިމަތިލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

