ރ. ރަސްގެތީމު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ބޭނުންކުރަން ތިބި 9 މީހުން ހައްޔަރުކޮށްފިއެވެ. މި 9 މީހުން ވެސް ހައްޔަރުކޮށްފައިވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރަން ތިއްބައެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެންބަރު މަހުގެ 1 ވަނަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގަގެ ތެރެިނއެވެ.
ފުލުހުންގެ މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުދުއްފާރު ޕޮލިސް ޕޯސްޓާއި ރަސްގެތީމު ޕޮލިސް ޕޯސްޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ. މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވެއެވެ.
ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ކަރުދާސްކޮޅާއި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެއްޗާއި 43500 އަށް ވުރެ ގިނަ ރުފިޔާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނިހާން (23އ) އާއި، އިބްރާހީމް ޢާދިލް (38އ) އާއި، އާދަމް ނަސީމް (30އ) އާއި، އިބްރާހީމް ރިޝާމް (36އ) 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަދި އަމީނާ މުޙައްމަދު (32އ) އާއި، އައްޔޫބު އާދަމް (33އ) އާއި، ފަރީޙާ ބިންތި ޢަލީ ވަޙީދު (21އ) އާއި، އަޙްމަދު ވިޝާމް (41އ) އާއި، ޙުސައިން ސަރްޙާން (30އ) ގެ ބަންދަށް 30 ދުވަސް ޖަހާފައިވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

