ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އެތެރޭގެ ތަޙުޤީޤެއް ފަށައިފިއެވެ.
މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދާ ދިމާއިން ކޮޅުވެއްޓެއް ބަންޑުން ޖަހާލައި، 2 ނޮވެމްބަރު 2025 ވީ އާދިއްތަ ދުވަހު ހިނގި ހިތާމަވެރި ހާދިސާއެއްގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދެ މުވައްޒަފަކު ނިޔާވުމާ ގުޅިގެން، އެކުންފުނިން ވަނީ މިއީ ކިހިނެއްވީ ކަމެއްތޯ ބެލުމަށް ނިންމާފައެވެ.
އެމްޕީއެލްގެ ލޭބަރާރގެ މަޤާމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސޫދު ހޮސެއިން (އެމްޕީއެލް އައިޑީ: 332) ނިޔާވެފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މަސޫދު ވަނީ ކުންފުންޏަށް ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްފައެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ކުރިމަތިވެގެން އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުންދަނިކޮށް، މި ކުންފުނީގެ ލޭބަރާރގެ މަޤާމުގައި ހުރި ޢަލީ އަފްލާޙު ޢަބްދުﷲ (އެމްޕީއެލް އައިޑީ: 225) ނިޔާވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަފްލާޙު މި ކުންފުންޏާ ގުޅިފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ނިޔާވި ދެ މުވައްޒަފުންގެ އާއިލާތަކަށް، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި އެމްޕީއެލްގެ ފަރާތުން ވަނީ ހިތުގެ އެންމެ ފުންމިނުން ތައުޒިޔާ ދަންނަވާފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން، ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ތަޙުޤީގު އެމްޕީއެލްގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު ވަނީ ފަށާފައެވެ. އަދި ތަޙުޤީގުން އެނގޭ މަޢުލޫމާތަށް ރިޔާޔަތްކޮށް އިތުރު މަޢުލޫމާތު އާންމުކުރާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

