ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫސިޓީގެ ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައިފިއެވެ. މި އިޞްލާޙުގެ ސަބަބުން، ކުރިން އެއް އިދާރީ ދާއިރާއެއްގެ ދަށުގައި އޮތް މި ދެރަށަށް ވަކިވަކި އިދާރީ ދާއިރާގެ ގޮތުގައި ހިނގުމުގެ މަގު ފަހިވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޤަރާރު އިޞްލާޙުކުރެއްވީ، އައްޑުއަތޮޅު ހުޅުދޫ، މީދޫ، އަދި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޓަކައި 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރައްވައިގެންނެވެ. އެ ވޯޓުގައި، އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުން ވަނީ ހުޅުދޫއަށް ޚާއްޞަކޮށްގެން ވަކި ކައުންސިލެއް އުފައްދަން ފެންނަކަމަށް ނިންމާފައެވެ. ހަމައެފަދައިން، އައްޑުއަތޮޅު މީދޫގެ ރައްޔިތުންވެސް ވަނީ މީދޫއަށް ޚާއްޞަކޮށްގެން ވަކި ކައުންސިލެއް އުފައްދަން ފެންނަކަމަށް ނިންމާފައެވެ. ރައީސްގެ މި ގަރާރަކީ ރައްޔިތުންގެ މި ނިންމުމާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ.
މި އިޞްލާޙާއެކު، އައްޑޫހުޅުދޫ އާއި އައްޑޫމީދޫ ވަނީ، މީހުން ދިރިއުޅޭ ދެ ވަކި ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 ގެ ލިސްޓަށް އިތުރުކުރެވިފައެވެ. މީގެ އިތުރުން، ޤަރާރުގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށްފައެވެ. އެގޮތުން، އައްޑޫ މާނަކުރާނީ، އައްޑުއަތޮޅު ހިތަދޫ އާއި، އައްޑުއަތޮޅު މަރަދޫ އާއި، އައްޑުއަތޮޅު މަރަދޫފޭދޫ އާއި، އައްޑުއަތޮޅު ފޭދޫ ހިމެނޭ ގޮތުން ކަމުގައި މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި މުހިންމު އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، 2026 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލަކީ އައްޑޫސިޓީގެ އިދާރީ އޮނިގަނޑަށް އަންނަ މުހިންމު ބަދަލެކެވެ، އަދި އޭގެ ސަބަބުން މި ދެ ރަށުގެ ރައްޔިތުންނަށް އިތުރު އިދާރީ މިނިވަންކަމާއި ބާރުތައް ލިބިގެންދާނެއެވެ.

