ކުޅުދުއްފުށި ސިޓީގައި ހަދާފައިވާ ހަނދާނީ ބިނާ، ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ މިއަދު ދިވެހިރާއްޖެ ފާހަގަ ކުރަމުންދާ ނަސްރުގެ ދުވަހުގެ ހަގީގީ ބަތަލު، އަދި އެނަމަކުން ފުލުހުންގެ މައި ކުއާޓަރަށްވެސް ނަންދެވިފައިވާ، 1988 ވަނަ އަހަރު ރާއްޖެއަށް ބާޣީން އަރަން ދިމާކޮށްލި ވަގުތު ކެރިހުރެ "އަހަރެންގެ މޭ އައްޑަނަައެއްކަމުގައި" މިބަހުގެ ފުރިހަމަ މާނައިގައި އަމަލުން ދެއްކެވި އެދުވަހުގެ ހަމަލާގައި ދީނާއި ވަތަނާއި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެވެ.
މި ބިނާ ހުޅުވައިފައިވަނީ ގައުމީ ބަތަލުގެ ޤުރުބާނީގެ ހަނދާން އާކޮށް، އެ ދުވަހުގެ ނަސްރުގެ ރޫޙު ދިރުވުމުގެ ގޮތުންނެވެ.
އެ ބިނާ ހަދާފައި ވަނީ ޝަހީދު ހުސައިން އާދަމް އެންމެ ފަހުން އެރަށުން ފުރާވަޑައިގެންނެވި ކުރީގެ ބަނދަރު ސަރަހައްދުގައެވެ.
ބިނާ ރަސްމީކޮށް ހުޅުވައިދެއްވީ، އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއާއި ޝަހީދު ހުސައިން އާދަމުގެ އާއިލާގެ ފަރާތުން ބޭފުޅުންނެވެ. އާއިލާގެ ފަރާތުން ބިނާ ހުޅުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ އަހުމަދު އާދަމް، އައިޝަތު ޔުމްނާ އަހުމަދު، އަދި ފާތިމަތު ނީމް އަބްދުއްރަޝީދުއެވެ.
މި ހަނދާނީ ބިނާގެ މައިގަނޑު ބަޔަކީ ޝަހީދު ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެކެވެ. މީގެ އިތުރުން، ޝަހީދު ހުސައިން އާދަމް އެ ދުވަހު ހުންނެވި ގޭޓަށް ވަޒަން އަރާފައި ހުރި ގޮތަށް، އެ ގޭޓުގެ ދެފަރާތުގެ އަރިމަތީގައި ހުންނަ ޕެޓާންގެ ނަކަލެއް ވެސް ބިނާގައި ހިމެނެއެވެ. ކައުންސިލުން ބުނާ ގޮތުގައި، މި ބިނާ އިން ދައްކައިދެނީ ދިވެހި ގައުމުގެ ދިފާއުގައި ހަމަލާ ދިނުމަށް އޭނާ ގެންގުޅުއްވި ބަޑިއާ ދުޝްމަނުގެ ހަމަލާތަކުން ޝަހީދުވެގެން ވެއްޓި ވަޑައިގެންނެވި ތަނެވެ. ބިނާގެ ފަރުމާ ހުންނަނީ ރައުންޑައަބައުޓެއްގެ ތެރޭގައި ކަމަށާއި، ފެހިކުލަ އާއި ރަތްކުލައިގެ ގަސްގަހުން ލޭންޑްސްކޭޕިންގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ކައުންސިލުން ހާމަކުރެއެވެ.
މި ބިނާ ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ހަނދާނީ ބިނާ ފަރުމާކޮށް، ބިނާ ހެދުމަށް ޖުމްލަ ނުވަ ލައްކަ ރުފިޔާ ހަރަދުކުރީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަޖެޓުންނެވެ. ހަނދާނީ ބިނާގެ ނަން ބޯޑު ހަރުކުރުން ނޫން ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ވަށް ބުރު ވަށައި މަގު ތައްޔާރުކުރުމުގެ މަސައްކަތެވެ.
ކުޅުދުއްފުށި ސިޓީއަށް އުފަން ކޯޕްރަލް ޝަހީދު ހުސައިން އާދަމް ޝަހީދުވީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު މާލެއަށް ދިން ނުރައްކާތެރި ހަމަލާގައި ސިފައިންގެ މައި މަރުކަޒު ދިފާއުކުރުމުގައި ހުންނަވަނިކޮށެވެ. އޭނާގެ މި ބޮޑު ގުރުބާނީގެ ހަނދާން އާކޮށް ދިވެހި ގައުމަށް ޓަކައި އެ ދުވަހު އެޅުއްވި ފިޔަވަޅުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މި ބިނާ ހެދުމަކީ، ދިވެހިރާއްޖޭގެ ދިފާއުގައި ޝަހީދުވި ހުސައިން އާދަމްގެ ހަނދާން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

