މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑްސް 2025 ގައި ޢާންމުންގެ ވޯޓުން ހޮވާ އެވޯޑުތަކުގެ ނޮމިނޭޝަންތަކަށް ވޯޓުލުމަށް ކަނޑައަޅާފައިވާ ސުންގަޑި މިރޭ ހަމަވާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ. ބީސީސީން ވިދާޅުވީ ޢާންމުންގެ ވޯޓަށް ހުޅުވާލާފައިވާ ދާއިރާތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުދިނުމުގެ ފުރުސަތު މިރޭ 12:00 އަށް ހަމަވާނެ ކަމަށެވެ.
މި އެވޯޑަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެމް.އެސް.އެމް.އީ) ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބީސީސީން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މި އެވޯޑަށް އެމް.އެސް.އެމް.އީތަކުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ޢާންމުންގެ ވޯޓަށް ހުޅުވާލާފައިވަނީ ޖުމްލަ 7 ދާއިރާއަކުންނެވެ. އެއީ ކާބޯތަކެތި އުފެއްދުމުގެ ދާއިރާއާއި، ލައިފް ސްޓައިލް ބްރޭންޑާއި، އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާއާއި، މުނިފޫހިފިލުވުމުގެ ދާއިރާއާއި، ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާއާއި، ފޮޓޯގްރެފީގެ ދާއިރާގެ އިތުރުން އެންމެ މަޤުބޫލު މާކެޓިންގ ފަރމް ހިމެނޭ ގޮތަށެވެ. މި ދާއިރާތަކަށް ވޯޓުލުމަށް އެސް.އެމް.އެސް ކުރުމުގެ ސުންގަޑި މިރޭ 12:00 އަށް ހަމަވާނެތީ، ވިޔަފާރިތަކަށް ތާއީދުކުރާ ފަރާތްތަކުން އެ ސުންގަޑިއަށް ވޯޓުދެއްވުމަށް ބީސީސީން ވަނީ އިލްތިމާސްކުރައްވާފައެވެ.
ޢާންމުންގެ ވޯޓުގެ ބައިތަކުގެ އިތުރުން ފަނޑިޔާރުން ހޮވާ 13 ގިންތިއަކުންވެސް ވިޔަފާރިތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބީސީސީން ވިދާޅުވީ މިދާއިރާތަކުން އިނާމަށް ހުށަހެޅުއްވި ފަރާތްތަކުގެ އިވެލުއޭޝަން މަރުޙަލާ މިހާރު ކުރިއަށްދާ ކަމަށެވެ.
ބީސީސީން ފާހަގަކުރެއްވި ގޮތުގައި މި އެވޯޑަކީ ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އައު މާކެޓުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ދޭ އެވޯޑެކެވެ. “މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025” ގެ މަގުސަދަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމުގައި ދިވެހި ވިޔަފާރިވެރިން އަދާކުރާ ދައުރު ފާހަގަކޮށް، ޤައުމުގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދިނުން ކަމަށް ބީސީސީން ވިދާޅުވިއެވެ.
ކާބޯތަކެތި އުފެއްދުމުގެ ދާއިރާ
- – މައި ކޭކްސް އެންޑް ސްވީޓްސް
- – ޕަލާޓޯ
- – ފުޑީސް
- – ބާބާ ކާޑިޔާ
- – މެރާކީ
ލައިފް ސްޓައިލް ބްރޭންޑް
- – ޓްރޮޕިކަލް ޑިޒައިންސް
- – ޝޮޕް އެޓް މަރީ
- – އައިލެންޑް ޓަޗް މޯލްޑިވްސް
- – ޓޮޑީ
- – ބަސްކް
އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާ
- – ފާތިމާ
- – ލައިބާ
- – ލިންކޯ
- – މުނިކާ
- – ފަލަކް
މުނިފޫހިފިލުވުމުގެ ދާއިރާ
- – ޑިޓިއުން ބޭންޑް
- – ސާދަތިރީސްއަށެއް
ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާ
- – އޮއެވާލި އާޓް ޝޮޕް
- – ބައިބީޒް
- – މެކްރަމާ
- – ލެވެލިއަރ
- – އަބުޑީ މޯލްޑިވްސް
ފޮޓޯގްރެފީގެ ދާއިރާ
- – އައިކެންޑީ
- – ލައިޓްސް އައުޓް
- – ސާރިމް ފޮޓޯސް
އެންމެ މަޤުބޫލު މާކެޓިންގ ފަރމް
- – ލޫޕް ކްރާފްޓް
- – ޕަބްލިސިޓީ ބިޔުރޯ
- – އޯޕަން ސްކައި ގްރޫޕް

