ނިލަންދޫ ކައުންސިލް ރާވެރިޔާ ވޮލީ މުބާރާތް 2025 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ގެމަނަފުށީ އަންހެން ވޮލީ ކުލަބު ބަލިކޮށް ބޮންބޮން އިން މުބާރާތް މޮޅަކުން ފަށައިފިއެވެ.
ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ކުރިއަށްދިޔަ މި މެޗު އެޓީމުން ކާމިޔާބު ސީދާ 3 ސެޓުންނެވެ.
މެޗު ފަށައިގެން ބޮންބޮން ކުޅެމުން ދިޔައީ ވަރަށް ފޯމުގައެވެ. މި ޓީމްގެ ބޭރު ކުޅުން ތެރިޔާ މާޖިދާ މޮޅު ކުޅުން މި މެޗުގައި ވަނީ ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ސެޓު ތަފާތު ބޮޑުކޮށް ބޮންބޮން އިން ކާމިޔާބު ކުރީ 10-25 އިންނެވެ. ދެވަނަ ސެޓުގައި ގެމަނަފުށިން މެޗު ތެރެއަށް ވަދެ ރަނގަޅު ނިންމުންތަކެއް ނިންމާފައިވެއެވެ. މި ސެޓުގައި އެޓީމްވަނީ ފަރަގު ކުޑަކޮށް 17 ޕޮއިންޓް ހޯދާފައެވެ. މި ސެޓު 25-17 އިން ކާމިޔާބުކޮށް 3 ވަނަ ސެޓު 20-25 ވަނީ ކާމިޔާބުކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބޮންބޮން ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 10 އައިޝަތު މާޖިދާއެވެ.
މުބާރާތުގެ ފިރިހެން 6 ޓީމް ބަހާލައިފައިވަނީ 2 ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮންބޮން ސްޕޯޓްސް ކްލަބް ލެޖެންޑްސް، އަދި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް އެވެ.
ގްރޫޕް ބީގައި ހިމެނެނީ ބޮންބޮން ސްޕޯޓްސް ކުލަބު، މަރަޓާ ވޮލީބޯލް ޓީމް، އަދި ދަ ރެޒިޑެންސް މޯލްޑިވްސްއެވެ.
މި މުބާރާތުގައި އަންހެން ޑީވިޝަންގެ 4 ޓީމް ބައިވެރިވެފައި ވުމާއިއެކު މި ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންމެ ފަހުގެ ގެމަނަފުށި ވޮލީބޯލް ކުލަބު، ގއ މާމެންދޫ ވުމެންސް ޓީމް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، އަދި ބޮންބޮން ސްޕޯޓްސް ކުލަބެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިމާލް ( ބުޅިކޭ ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ. އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ކެޕްޓަން މާޖިދާ، މާޔާ، ހައްވަ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

