ދ. ކުޑަހުވަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް، އެރަށަށް ގެންދިޔަ 1000 ކިލޯވޮޓްގެ ޖެންސެޓެއް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. ފެނަކަ އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މި އާ ޖެނެރޭޓަރ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިކަމުގެ ސަބަބުން ކުޑަހުވަދޫގެ ކަރަންޓުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވެގެން ދާނެ ކަމަށެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލު ކުރުމަށް ފެނަކައިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަތަކަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ ބްރާންޗްތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށެވެ. ކުންފުނި އެތައް ސަތޭކަ މިލިއަން ރުފިޔާއިން ދަރާފައި އޮތްއިރު، ޖެންސެޓްތަކާއި އެކި ކަހަލަ އާލާތްތައް ހުރީ އެއްގޮތަކަށް ވެސް މެއިންޓެއިން ނުކޮށެވެ. ރައީސް ވިދާޅުވިއެވެ. “ޖެންސެޓްތަކާ އެކި ކަހަލަ އާލަތްތައް ހުރީ އެއްގޮތަކަށް ވެސް މެއިންޓެއިން ނުކޮށް. އެއްގޮތަށް ވެސް ނުބަލަހައްޓާ. އޭގެ ސަބަބުން އެތަށް ރަށެއްގައި މި ވަނީ އެތަކެތި ބަދަލު ކުރަން ޖެހިފަ. އެއީ ހާލަތަކީ.”
މި ސަރުކާރުން މިހާރު ދަނީ އެކި ރަށްރަށުގައި ބަދަލުކުރަން ޖެހިފައި ހުރި އެކިއެކި ޖެނެރޭޓަރުތަކާއި އާ ޖެނެސެޓް ގެނައުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ކުންފުނި މިހާރު އޮތް ހާލަތުން ނަގައި ކޮޅަށް ޖެހުމާއިއެކުގައި، މިފަދަ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ކުޑަހުވަދޫގައި މިހާރު ކުރިއަށްދާ 1000 ކިލޯވޮޓްގެ ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތަކީ، ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ދެމުންދާ އިސްކަމުގެ ހެއްކެކެވެ.

