ނޮވެމްބަރު ތިނެއްގެ ޝަރަފުގެ އައްޑަނައިގެ ހައްގުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ މިއަދު ބޭއްވި ނޮވެމްބަރު ތިނެއްގެ ހާއްސަ ޖަލްސާގައެވެ. ރައީސް މައުމޫން ވަނީ މި ޝަރަފު އެމަނިކުފާނަށް އަރުވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވާފައެވެ.
ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވާފައި ވަނީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އެދުވަހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މީގެ އިތުރުން، އެދުވަހުގެ ހަމަލައިގައި ޝަހީދުވި ސިފައިންނާއި އާންމުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ވެސް މި އައްޑަނަ އަރުވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ޝަރަފުގެ އައްޑަނައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޝަރަފުގެ މި އައްޑަނައިގެ ހައްގުވެރި ވެރިންނަކީ ދިވެހި ރައްޔިތުން ކަމަށެވެ. “އަޅުގަނޑުގެ ނަޒަރުގައި މިފަހުރުވެރި އައްޑަނައިގެ ހައްގުވެރި ވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން” މައުމޫން އަބްދުލްގައްޔޫމް ވިދާޅުވިއެވެ.
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޖުމްލަ 19 ބޭފުޅުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ސިފައިންގެ ތެރެއިން އަށް ބޭފުޅުންނާއި، އާންމުންގެ ތެރެއިން 11 ބޭފުޅުން ހިމެނެއެވެ. މި އައްޑަނަ އަރުވާފައިވަނީ މި ހިތާމަވެރި ދުވަހުގެ ހަނދާން އާކޮށް، ގައުމަށްޓަކައި ޖިހާދުކުރެއްވި ބޭފުޅުންގެ ހިތްވަރަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.

