މާލޭގެ މައި މަގެއް ކަމަށްވާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތާ ގުޅިގެން، އެ ސަރަހައްދުގެ އިތުރު މަގުތަކެއް އާންމު ޓްރެފިކަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މަސައްކަތަކީ މަގު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްދަނީ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާއި ހަމައަށް ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއްގައެވެ. މަސައްކަތުގެ ފުރަތަމަ ސެގްމަންޓްގައި މަގު ފުޅާކުރުމަށް ބައެއް ވަނީ ހިއްކާފައެވެ.
ފުލުހުން ވިދާޅުވީ، މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ބޮޑުތަކުރުފާނު މަގުން ގުޅޭ ބައެއް މަގުތައް އާންމު ޓްރެފިކަށް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. އެގޮތުން ބަންދުކޮށްފައިވާ މަގުތަކުގެ ތެރޭގައި ހިމެނެނީ: ބޮޑުތަކުރުފާނު މަގު ޝަހީދު މުޙައްމަދު ހުސައިން ހިނގުމުން ހުސޭނީ ގޯޅިއާ ހަމައަށް، މުހައްމަދު އިސްމާއިލް ގޯޅީގެ ބަޔަކާއި، ކަނޑިދޮންމަކިނު ގޯޅީގެ ބައެއް އަދި ޗާންދަނީ މަގުން އިބްރާހިމް ހަސަން ދީދީ މަގާއި ހަމައަށެވެ. މީގެ އިތުރުން ފުލުހުން އާންމުކޮށްފައިވާ ޗާޓުން ދައްކާގޮތުން ޖުމްހޫރީ ހިނގުން، އަމީރު އަހްމަދު މަގާއި ހަމައަށް ވެސް ވަނީ ބަންދުކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭ ގޮތަށެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް މި ސަރަހައްދުގައި ކުރިއަށްދާނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ. މަގު ބަންދުކުރުމާ ގުޅިގެން ދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، އެހެން މަގުތައް ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

