ނިލަންދޫ ކައުންސިލް ރާވެރިޔާ ވޮލީ މުބާރާތް 2025 ގައި ބޮންބޮން ސްޕޯޓްސް ކުލަބު ލެޖެންޑުން ކުޅުނު 2 މެޗުންވެސް ބަލިވިއިރު އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް މުބާރާތް އިތުބާރާއިއެކު ފަށައިފިއެވެ.
ނިލަންދޫ ރަސްމީ ވޮލީކޯޓުގައި ބޮންބޮން ސްޕޯޓްސް ލެޖެންޑުންނާއި ވާދަކޮށް ޓޮޕް ބްރަދާސް މޮޅުވީ ސީދާ 3 ސެޓުންނެވެ.
މެޗަށް ނިކުތުމުގެ ކުރިން ބޮންބޮން ލެޖެންޑުން ވަނީ ގެމަނަފުށީ ވޮލީ ކުލަބާއި ވާދަކޮށް ސީދާ 3 ސެޓުން ބަލިވެފައެވެ. މިއާއިއެކު ޓޮޕް ބްރަދާސް މެޗަކީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް މޮޅުވުން މުހިންމު މެޗެކެވެ.
އެހެންނަމަވެސް ރާއްޖޭގެ މިިވަގުތު އެންމެ ބާރަށް ޖަހާ ކުޅުންތެރިޔާ ޝަމާއިލްގެ މޮޅު ކުޅުން ފެނުނު މެޗު ނެގޭގޮތް ނުވީއެވެ.
މެޗުގެ ފުރަތަމަ ސެޓު ތަފާތު ބޮޑުކޮށް ނެގި އިރު ދެވަނަ ސެޓާއި ތިންވަނަ ސެޓުގެ ޕޮއިންޓްތަކުގައި މާބޮޑު ފަރަގެއް ނެތެވެ. ފުރަތަމަ ސެޓު 25-10 އިން ނެގިއިރު ދެވަނަ ސެޓު ނަގާފައިވަނީ 25-22 އިންނެވެ. ތިންވަނަ ސެޓު ނަގާފައިވަނީ 25-20 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓޮޕް ބްރަދާސްގެ ޖާޒީ ނަންބަރު 19 ޝަމާއިލް ހުސެއިންއެވެ.
މުބާރާތުގެ ފިރިހެން 6 ޓީމް ބަހާލައިފައިވަނީ ގުރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގެމަނަފުށި ވޮލީބޯލް ކުލަބު، ބޮންބޮން ސްޕޯޓްސް ކްލަބް ލެޖެންޑްސް، އަދި އެންމެ ފަހުގެ ޗެމްޕިއަން ޓޮޕް ބްރަދާސް އެވެ.
ގްރޫޕް ބީގައި ހިމެނެނީ ބޮންބޮން ސްޕޯޓްސް ކުލަބު، މަރަޓާ ވޮލީބޯލް ޓީމް، އަދި ދަ ރެޒިޑެންސް މޯލްޑިވްސްއެވެ.
މި މުބާރާތުގައި އަންހެން ޑީވިޝަންގެ 4 ޓީމް ބައިވެރިވެފައި ވުމާއިއެކު މި ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އެންމެ ފަހުގެ ގެމަނަފުށި ވޮލީބޯލް ކުލަބު، ގއ މާމެންދޫ ވުމެންސް ޓީމް، ވިލިނގިލީ ޔުނައިޓެޑް ކުލަބު، އަދި ބޮންބޮން ސްޕޯޓްސް ކުލަބެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިމާލް ( ބުޅިކޭ ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ. އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ކެޕްޓަން މާޖިދާ، މާޔާ، ހައްވަ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

