ބިލަމަގަކީ ދިވެހިރާއްޖޭގެ އިހުގައި އާންމުކޮށް ގިނަ ގޭގޭގައި ހައްދައި އުޅުނު، ހުތް ރަހަ ގަދަ މޭވާއެކެވެ. މިހާރުވެސް ރަށްރަށުގެ ބައެއް ގޭގޭގައި ބިލަމަގު ގަސް ހުރެއެވެ. މިއީ އެންމެ ގަހެއްގައިވެސް ގިނަ މޭވާ އަޅާ މަދު އެތިކޮޅަކުން ގިނަބަޔަކަށް ބޭނުން ކުރެވޭ މޭވާއެވެ. އާންމުކޮށް ކާތަކެތީގެ ރަހަ ހެޔޮވަރު ކުރުމަށް ބޭނުންކުރި ނަމަވެސް މިއީ ހަމައެކަނި ކެއުމުގެ ރަހަ މީރުކުރުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. ބިލަމަގަކީ ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިދޭ މޭވާއަކަށް ވިޔަސް މިކަން އެނގޭމީހުން މަދެވެ. ބިލަމަގުން ޖޫސް ގިރައިގެން ބުއިމަކީ މީގެ ސިއްހީ ފައިދާތައް ހަށިގަނޑަށް ފަސޭހައިން ހޯދޭނެ ގޮތެކެވެ.
ބިލަމަގުގައި ހިމެނޭ މާއްދާތަކުން ދިފާޢީ ނިޒާމަށް ފައިދާކުރޭ
ބިލަމަގަކީ ވިޓަމިންސީ، ވިޓަމިންބީ، އެންޓިއޮކްސިޑެންޓްސް، ފޮސްފަރަސް އަދި ދަގަނޑުގެ ބައި މަތި މޭވާއެކެވެ. ޚާއްޞަކޮށް ވިޓަމިންސީގެ މިންވަރު މަތިވުމުގެ ސަބަބުން، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ. އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، ދިގުދެމިގެންދާ ބަލިތަކުން ސަލާމަތްވުމަށް މަގުފަހި ކޮށްދެއެވެ.
ލޭގެ ހަކުރު ކޮންޓްރޯލްކުރުމަށް
ހަކުރު ބައްޔަކީ ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް އާންމުވެފައިވާ ބައްޔެކެވެ. ބިލަމަގުގައި ހިމެނޭ ފްލެވަނޮއިޑްސް (flavonoids) އާއި ފައިބަރުގެ މިންވަރު މަތިވުމުގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމަށް އެހީވެއެވެ. ހަކުރު ބައްޔަށް ފަރުވާ ދިނުމަށް، ޗަސްކޮށްފައިވާ ބިލަމަގު ފެނާ އެކު ކައްކާލައިގެން ފުރާނާލުމަށްފަހު ދުވާލަކު ދެ އިރު ބުއިމަކީ އަވަސް ނަތީޖާއެއް ލިބޭ ކަމެއް ކަމަށް ބުނެވެއެވެ. މީގެ އިތުރުން، ބިލަމަގުގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް އަދި ޕްރޮޓީންތަކުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކުރުމަށް ވެސް އެހީތެރިވެދެއެވެ.
ކެއްސުމާއި ހަމުގެ ބަލިތަކަށް ފަރުވާ
ބިލަމަގަކީ ދިވެހި ބޭސްވެރިކަމުގައި ގިނަ ފަރުވާތަކަށް ބޭނުންކުރާ އެއްޗެކެވެ. ކެއްސުން މައިތިރިކުރުމަށް، ބިލަމަގާއި ދަވިއްގަނދު (ހަކުރު) އެއްކޮށް ކައްކައިގެން ތައްޔާރުކުރާ ބުއިމެއް ހެނދުނާއި ނިދުމުގެ ކުރިން ބުއިމަކީ ފައިދާހުރި ގޮތެކެވެ.
ބިލަމަގުގައި ހިމެނޭ އެސިޑްގެ ސަބަބުން މޫނުގައި ނަގާ އޮށާޅަ، ބިހި ނައްތާލުމަށް އެހީތެރިވެއެވެ. އަދި ދަތުގައި ރިއްސުން ފަދަ ކަންކަމަށް ފަރުވާ ދިނުމަށްވެސް ބޭނުންކުރެވެއެވެ. މިދެ ހާލަތުގައިވެސް ބޭނުންކުރަނީ ބިލަމަގު ޗަސްކޮށްގެންނެވެ. ބިހީގައި ޗަސްކޮށްފައިވާ ބިލަމަގު އަޅާލުމަށްފަހު 10 މިނެޓެއްހާ އިރުފަހުން ސާފުފެނުން ދޮވެލުމުން ބިހި ފަޅައިގެންގޮސް އެތެރެ ސާފުކޮށްލައެވެ. ހަމައެގޮތަށް ރިއްސާ ދަތުގައި ޗަސްކޮށްފައިވާ ބިލަމަގު އެޅުމުން ، ނުވަތަ ބިލަމަގު ފަތާއި އެކު ބިލަމަގު ޗަސްކޮށް ބޭސްގަނޑެއްހެން ހެދުމަށްފަހު ދަތުގައި އެޅުން، ފަރުވާއަކާ ހަމައަށް ދެވެންދެން ވެސް ތަދުގެ ވޭނުން މީހާ ސަލާމަތްކޮށްދޭނެއެވެ.
ބިލަމަގު ޖޫސް ތައްޔާރު ކުރާނެ ގޮތް
ބިލަމަގުގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށްޓަކައި، ޖޫސް ތައްޔާރުކުރުމަކީ އެންމެ ރަނގަޅު އެއް ގޮތެވެ. ޖޫސް ތައްޔާރުކުރުމަށްޓަކައި:
- ފުރަތަމަ 1/2 ލީޓަރު ފެން ކެއްކުމަށްފަހު 125ގ ހަކުރު އަޅައިގެން އޮލަވަންދެން ކައްކާފައި ހިހޫކުރާށެވެ (ހަކުރު ފަނި).
- ދެން 1/2 ކިލޯ ބިލަމަގުތަކުގެ ތަނޑިތައް ނެއްޓުމަށްފަހު ދޮވެލާށެވެ. ބިލަމަގުތައް މިކްސަރަށް އަޅައިގެން ގިރާލާފައި ފުރާނާލާށެވެ. ކޮންމެ ތައްޓަކަށް އެއްތަށި އައިސްފެން އަޅާލާށެވެ. އަދި ފޮނި ހެޔޮވަރު ވާ ވަރަށް، ކައްކާފައިހުރި ހަކުރުފަނި އެއްކޮށްލާށެވެ. މި ޖޫހަކީ ހަޖަމުކުރުމުގެ ނިޒާމަށް ވެސް ފައިދާހުރި، ހުތް ރަހަ ގަދަ ބުއިމެކެވެ.
ބޭނުންކުރުމުގައި ސަމާލުވުން
ބިލަމަގަކީ ވަރަށް ހުތް އަދި އޮކްސަލޭޓް (oxalate) މާއްދާ މަތި މޭވާއަކަށް ވާތީ، މިންވަރަށް ވުރެ ގިނައިން ބޭނުންކުރުމަކީ މޭނުބައިކުރުން، ހަޖަމުކުރުމުގެ މައްސަލަތައް އަދި ނާދިރު ހާލަތްތަކުގައި ގުރުދާގެ މައްސަލަތައް (ކެލްސިއަމް އޮކްސަލޭޓް ކްރިސްޓަލްސް އުފެދުން) ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން، ބިލަމަގު ބޭނުންކުރާއިރު މެދުމިންކަން ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ބިލަމަގު ކައްކާލުމުން އޮކްސަލޭޓްގެ މިންވަރު ދަށްވެ، ހަށިގަނޑަށް ލިބޭ ގެއްލުން ދުރުކޮށްދޭނެއެވެ.
ބިލަމަގަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި އެކަމަކު އޭގެ ވާހަކަ ގިނަބަޔަކު ނުދައްކާ މޭވާއެކެވެ. ވިޓަމިންތަކާއި އެންޓިއޮކްސިޑެންޓްސްގެ ބައި މަތި މި މޭވާ ޖޫހެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، ދިފާޢީ ނިޒާމު ވަރުގަދަ ކުރުމާއި، ލޭގެ ހަކުރާއި ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. ނަމަވެސް، އެކަށީގެންވާ މިންވަރަކަށް ބޭނުންކުރުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.

