ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ލޮބުވެތި އަނބިކަނބަލުން ސާމިޔާ ލަޠީފް ނިޔާވުމާ ގުޅިގެން އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ތަޢުލީމަށާއި ލިޔުންތެރިކަމަށާއި އަދަބިއްޔާތައް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އިސްލާމްދީނަށް ހޭލުންތެރިކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ޢިލްމުވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ލޮބުވެތި އަނބިކަނބަލުން ސާމިޔާ ލަޠީފް ނިޔާވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމާ ސާމިޔާ ލަޠީފް މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ދަންނަވާފައެވެ. އެ މަނިކުފާނު ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި މަރުޙޫމާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަނބިކަނބަލުން ސާމިޔާ ލަޠީފް އަވަހާރަވީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.

