މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ އިންތިޒާމު ދެން ހަމަޖެހިފައިވަނީ ކެޔޮޅު ވެބް-ޕޯޓަލް މެދުވެރިކޮށްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ އެ ވުޒާރާއިން ދޭ ޚިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މުހިންމު ބަދަލެކެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، 4 ނޮވެންބަރު 2023 ން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު ބަލައިގަންނާނީ ހަމައެކަނި "ކެޔޮޅު" އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ލައިސަންސް އައު ކުރުމަށް ހުށަހަޅާ ފޯމް ވެސް، 23 ނޮވެންބަރު 2023 ން ފެށިގެން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށެވެ. "ކެޔޮޅު" ޕޯޓަލް އަށް ލޮގްއިން ވެވޭނީ އެފަރާތެއްގެ އީފާސް އެކައުންޓް މެދުވެރިކޮށެވެ.
މި ޕޯޓަލް އަކީ މަސްވެރިކަމުގެ ދާއިރާގެ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މިހާރުވެސް ބޭނުންކުރަމުންދާ ވަޞީލަތެކެވެ. އެގޮތުން، މަހާއި މަހުގެ އުފެއްދުތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާއި، ކުންފުނިތަކުން ގަންނަ މަހުގެ ތަފްޞީލު ގަވާއިދުން ވުޒާރާއަށް ފޮނުވުމަށް އަދި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށް ވެސް މި ޕޯޓަލް ބޭނުންކުރެވެއެވެ.
ވުޒާރާއިން ބުނީ، އެންމެފަހުން ހުއްދަ ކުރި ކަށި މިޔަރު މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމު ވެސް ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގައި އަދި ލައިސަންސް އައު ކުރުމަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިންސް އެ ވުޒާރާގެ ވެބްސައިޓްގައި ވަނީ ޝާއިޢުކޮށްފައެވެ. މަސްވެރިންނާއި ކަމާބެހޭ ފަރާތްތަކުން މި ގައިޑްލައިންސް ބައްލަވައިލެއްވުމަށް ވުޒާރާއިން އިލްތިމާސް ކުރައްވައެވެ.

