މާލޭގެ މުހިންމު މަގެއް ކަމަށްވާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓްގެ މަސައްކަތުގެ %80 މިހާރު ނިމިފައިވާކަމަށް، މި މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ވިދާޅުވީ، ސެގްމެންޓް 1 ގައި ތާރުއެޅުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށާއި، މިމަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމާ އާއްމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. ސެގްމެންޓް 1 ގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް އޮންނަ 130 މީޓަރުގެ ސަރަޙައްދެވެ. މުޅި މަޝްރޫޢު 5 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްދާއިރު، ޖުމްލަ 830 މީޓަރުގައި ތާރު އަޅާ، ޒަމާނީ ފެންވަރަށް މަގު ތަރައްޤީކުރެވޭނެއެވެ. މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖުމްލަ 144 މިލިޔަން ރުފިޔާއަށެވެ.
އެމްޓީސީސީން ހާމަކުރެއްވި ގޮތުގައި، މި ސެގްމެންޓްގެ މަސައްކަތުގެ ތެރެއިން މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖައްސައިގެން ހެދި އެއްގަމު ތޮށީގެ މަސައްކަތް މުޅިން ނިމިފައިވެއެވެ. އަދި މަގުތަކުގެ އަޑީގައި އަޅާ ޔުޓިލިޓީ ނެޓްވޯކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތްވެސް ވަނީ މުޅިންހެން ނިމިފައެވެ. ނަމަވެސް، މި މަސައްކަތުގައި ހިމެނޭ އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯއާ ގުޅުންހުރި ބައެއް މަސައްކަތްތައް އެ ކުންފުނިތަކުން ދަނީ ކުރިއަށްގެންދަމުންނެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަސް ޢަބްދުﷲ ފާއިޒް ވިދާޅުވިއެވެ. “މުޅި މި ސެގްމަންޓަށް ބަލަންޏާ %80 މަސައްކަތް މިވަނީ ނިމިފައި. އުއްމީދަކީ މަގުގެ ހުރިހާ މަސައްކަތްތައް ނިންމާ މިމަހުގެ ނިޔަލަށް އާއްމުންނަށް ހުޅުވާލުން.”
މިހާރު ސައިޓުގައި ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި މަގުގައި ތާރު އަޅަން ފެށުމަށް ވާންޖެހޭ ތައްޔާރީތަކެވެ. މި މަޝްރޫޢުގެ ދަށުން މަގު ތަރައްޤީކުރަނީ 4 ލޭނަށް ކަމަށްވާއިރު، ހިނގާ މީހުންނަށް ޚާއްސަ ލޭނެއްވެސް ހިމެނޭނެއެވެ. މީގެ އިތުރުން ޒަމާނީ ފެން ހިންދާ ނިޒާމާއި ލައިޓިން ސިސްޓަމްވެސް މި މަޝްރޫޢުގެ ދަށުން ހަރުކުރެވޭނެއެވެ. މަސައްކަތް އަވަސްކުރުމަށްޓަކައި އެމްޓީސީސީން 24 ގަޑިއިރު މަސައްކަތް ކުރަމުންދާއިރު، މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ގްރީން ޒޯން ހިމެނޭހެން ބޮޑުތަކުރުފާނު މަގުން ބޮޑު ސަރަޙައްދެއް ވަނީ ބަންދުކޮށްފައެވެ.
އެމްޓީސީސީން ވަނީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ ސަރަހައްދުގައި ހިންގާ ޓްރެފިކް ބަދަލުތަކަށް ސަމާލުވެ، ހިނގާ މީހުންވެސް މަސައްކަތު ސައިޓަށް ނުވަނުމަށް އިލްތިމާސްކޮށްފައެވެ.

